އެމެރިކާގެ ހައިސްކޫލެއްގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއަކު، ތަމްރީނު ކުރުމުގެ ތެރޭގައި، ބޮލުގައި އަޅައިގެންހުރި ހެލްމެޓްގެ ތެރެއިން ނުރައްކާތެރި ވިހަ ހަރުފައެއް ފެނިގެން ހައިރާންކަމެއް ލިބިއްޖެއެވެ.
ތަމްރީނު ކުރިއަށްދިޔަ ވަގުތު ކުޅުންތެރިޔާއަށް ހެލްމެޓްގެ ތެރޭގައި ކޮންމެވެސް އާދަޔާޚިލާފު އެއްޗެއް އޮތްކަން ޤަބޫލުކުރެވުނެވެ. ނަމަވެސް، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގާތގަނޑަކަށް އެއްގަޑިއިރު ވަންދެން އޭނާ ދިޔައީ ތަމްރީނު ކުރުމުގެ މަސައްކަތުގައެވެ. ނަމަވެސް، އުނދަގޫތަކެއްވާތީ އޭނާ ކޯޗަށް އެކަން އަންގައި ޗެކްކުރުމަށް އެދުމުން، އެންމެ ފަހުން ހެލްމެޓްގެ އެތެރޭގެ ބައިތަކުން ހަރުފައެއްގެ ބޯ ބޭރަށް ނުކުމެފައިވާ މަންޒަރު ފެނިގެން ވަގުތުން އެކަމަށް ސަމާލުވާން ޖެހުނެވެ.
މިކަމާ ގުޅިގެން އެނިމަލް ސާވިސްއިން ހެލްމެޓުން އެ ހަރުފަ ނެގުމަށް އެހީވިއެވެ.
މި ހަރުފައަކީ ގާތގަނޑަކަށް ދެ ފޫޓުގެ ދިގުމިން ހުން އާދަޔާ ޚިލާފަށް ބޮޑަށް ވިހަ ހަރުފައެކެވެ. ލަފާ ކުރެވޭ ގޮތުގައި ބިންމަތީގައި ހެލްމެޓު ބާއްވާފައި އޮތް އިރު ހަރުފަ އޭގެތެރެއަށް އައިސް ވަދެ އޮތީއެވެ. އެނިމަލް ސާވިސްއިން ބުނީ ކުރިން ކައިފައިވާ އެއްޗެއް ހަޖަމުކުރުމަށް ހިޔާވަހި، އަނދިރި އަދި ހަނި ތަނެއް ހޯދުމުގެ މަޤުޞަދުގައި އެ ސޮރު ހެލްމެޓަށް އެރި އޮތީ ކަމަށެވެ.
މިކަމުގެ ސަބަބުން ކުޅުންތެރިޔާއަށް ނުރައްކަލެއް ކުރިމަތި ވެފައެއް ނުވެއެވެ.







