ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށްޓަކައި ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00ގެ ކުރިން ރަސްމީ ޕޯޓަލް މެދުވެރިކޮށް މި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ 93 ދާއިރާގެ ތެރެއިން އަށް ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
މި ފަހަރުގެ ބުރުގައި ހިމެނެނީ އިހަވަންދޫ ދާއިރާއާއި، ނައިފަރު ދާއިރާއާއި، ފޮނަދޫ ދާއިރާއާއި، މީދޫ ދާއިރާއާއި، ވިލިމާލެ ދާއިރާއާއި، މައްޗަންގޮޅި ދެކުނު ދާއިރާއާއި، މާމިގިލި ދާއިރާގެ އިތުރުން ތިނަދޫ އުތުރު ދާއިރާއެވެ. މި ބައްދަލުވުންތަކަކީ ރައްޔިތުންނާ ވީހވެސް ގާތުން މަޝްވަރާކުރައްވައި، ރައްޔިތުންގެ އަމިއްލަ ކަންކަމާއި މުޖުތަމަޢުގެ މަސްލަޙަތު އެކުލެވޭ ކަންކަމުގައި ސީދާ ގޮތުން ޚިޔާލު ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، މި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސީދާ ރައީސާ ބައްދަލުކޮށް ވާހަކދެއްކުމަށް ކޮންމެ މީހަކަށްވެސް 10 މިނިޓުގެ ވަގުތުކޮޅެއް ލިބިގެންދާނެއެވެ. އަދި ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އާއިލާގެ މެންބަރުން ކަމަށްވާ އަބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދިއުމުގެ ފުރުޞަތު ވެސް ލިބިގެންދެއެވެ. ނަމަވެސް ބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އިދާރީ ކަންކަމާއި ކަނޑައެޅިފައިވާ ވަގުތަށް ރިޢާޔަތްކުރެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް ވަނީ އެކި ދާއިރާތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވާފައިވާ ފަދައިން، މިފަދަ ޚާއްޞަ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުންގެ އަޑު އައްސަވައި، ޤައުމީ ތަރައްޤީއާއި ތަޙައްޤުތަކަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.







