ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ރަސްމީ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ. މިއަދު ހެނދުނު 6:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެ މައިދާނުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދާއި، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދެވެ.
ޤައުމީ ދުވަހުގެ މި ޚާއްޞަ އިޙްތިފާލުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ބޭންޑްޕާޓީން ޤައުމީ ސަލާމް ހުށަހަޅައިދިނުމާއެކު މި ރަސްމިއްޔާތު ނިންމަވާލައްވާފައިވެއެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތް ކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. މި މުނާސބަތާ ގުޅިގެން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ދެއްވި ޚިޠާބުގައި، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، އެއްބައިވަންތަކަމުގެ ރީތި މިސާލެއް ކަމަށް ވިދާޅުވެފައިވެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ހއ. އުތީމުގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބޭ އިރު، ހިތްވަރު ދިނުމުގެ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ލިބޭނެ އެވެ. މީގެ އިތުރުން ޚިދުމަތުގެ ޤައުމީ އިނާމު 1 ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.







