ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެ، ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން، އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޤައުމީ ފެންވަރެއްގައި ހިންގަމުންދާ މައިގަނޑު މަޝްރޫޢުތަކުގެ ތަފްޞީލުތައް ޙިއްޞާކުރައްވާފައެވެ.
ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޒަމާނީ ފެންވަރުގެ އައު އިމާރާތްތައް އެޅުމުގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ޢަމަލީ މަސައްކަތް ފަށާފައިވާ 55 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ޖުމުލަ 100 ރަށުގައި އައު އިމާރާތްތައް ޤާއިމުކޮށް ނިމޭނެ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަސް ތެރޭގައި ރާއްޖޭގައި އަޅުގަނޑު ރިއަލިސްޓަކަލީ ގަބޫލުކުރެވޭ މަދުވެގެން 100 ރަށުގައި ހުންނާނީ އައު އިދާރާ ހެދިފައި،" ރައީސް
ތިލަމާލެ ބްރިޖާއި ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ މަޝްރޫޢުއަށް އަލިއަޅުއްވާލައްވަމުން، ކުރީގެ ސަރުކާރުގައި އެ މަޝްރޫޢު ހިނގާފައިވަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އިންޑިއާ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަމާއެކު އެ މަޝްރޫޢު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
"އަޅުގަނޑުމެންނަށް މި މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުވެގެންދިޔައިރު, މާލެއާ ވިލިގިއްޔާ ދޭތެރޭ މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ [ކުރެވިފައި] ތަނބުތަކެއް ޖެހި އެކަހަލަ ކަންތައްތަކެއްވެސް ކުރެވިފައެއް ނެތް," ރައީސް
ސިޓީތަކާއި ރަށްރަށުގެ ތަރައްޤީގެ ލަނޑުދަނޑިތައް
"ކޮންމެ ރަށެއްގައި އެކި ކަހަލަ ދާއިރާތަކުން، ސިއްހީ ދާއިރާއިން، ކުނި މެނޭޖުކުރުމުގެ ދާއިރާއިން ބެލި ނަމަވެސް، ތައުލީމީ ދާއިރާއިން ބެލި ނަމަވެސް ބޭންކިން ދާއިރާއާއި ވިޔަފާރީގެ ދާއިރާއިންވިޔަސް ކޮންމެ ރަށެއްގައި ހުންނަންޖެހޭ ތަންތަން ހުންނާނެ،" ރައީސް
އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޢަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ ހައުސިންގ މަޝްރޫޢުތަކާއި ތިނަދޫ ސިޓީގެ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތައް ޚާއްޞަ އިސްކަމެއްދީގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ. ކުޅުދުއްފުށީގައި އެންމެ މުހިއްމު ޕްރޮޖެކްޓަކީ ހައުސިން މަޝްރޫއު. ހައުސިން ޕްރޮޖެކްޓުގެ ތެރެއިން 400 ހައުސިން ޔުނިޓުގެ ހުއްޓިފައިހުރި މަޝްރޫއު މިހާރު ވަނީ ފެށިފައި. 2،000 ހައުސިން ޔުނިޓުގެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ.،" ރައީސް
މީގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމާއި، ހަންކެޑެ މަޝްރޫޢާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމުތައް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.







