އެމެރިކާގެ ރިޔާސީ އިންތިޚާބާއި މުސްލިމް ރައީސަކު އައުމުގެ ފުރުޞަތު

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް އިންތިޚާބުގެ ޕްރައިމަރީގައި މިޞްރުގެ އަސްލަކަށް ނިސްބަތްވެވަޑައިގަންނަވާ މުސްލިމް ޑޮކްޓަރ، ޢަބްދުއްރަޙްމާން އަލްސައްޔިދު (އަބްދޫލް) ކާމިޔާބު ހޯއްދެވުމާ ގުޅިގެން، އެމެރިކާއަކީ ކްރިސްޓިއަން ޤައުމެއް ކަމަށް ބުނާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ތާރީޚުގައި މިހާތަނަށް ވެރިކަން ކުރައްވާފައިވަނީ ނަސްރާނީ ބޭފުޅުންނެވެ. އަދި މިހާތަނަށް ވެއިޓް ހައުސްގެ ވެރިކަމަށް އެއްވެސް މުސްލިމަކު، ނުވަތަ، ބުދު ދީނުގެ މީހަކު، ހިންދޫއަކު، ނުވަތަ އެ ނޫންވެސް ނަސްރާނީ ނޫން ދީނަކަށް ނިސްބަތްވާ ބޭފުޅަކު އިންތިޚާބުވެވަޑައިގެންފައެއް ނުވެއެވެ.

އެމެރިކާގެ ޤާނޫނުއަސާސީގައި ރައީސަކަށް ވުމަށް ކަނޑައަޅާފައިވަނީ 3 ޝަރުޠެކެވެ.

  1. އެއީ އުފަންވާއިރު އެމެރިކާގެ ރައްޔިތަކަށްވުމާއި
  2. އުމުރުން 35 އަހަރު ފުރިފައިވުމާއި،
  3. އެމެރިކާގައި މަދުވެގެން 14 އަހަރު ދިރިއުޅެފައިވުމެވެ.

ޤާނޫނީ ގޮތުން މުސްލިމަކު އެމެރިކާގެ ރައީސަކަށް ވުމަށް އެއްވެސް ހުރަދެއް ނެތް ނަމަވެސް، ސިޔާސީމައިދާނުގައި ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދަނީ މިއަދުވެސް މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޚާއްޞަކޮށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ އަބްދުލްގެ ކާމިޔާބީއަށް ފާޑުވިދާޅުވަމުން، އޭނާ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރައީސަކަށް ވެވަޑައިނުގަނޭތޯ އެދި ވާހަކަދައްކަވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި މި މައްސަލާގައި ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ގެލަޕް ފަދަ މަޝްހޫރު ފަރާތްތަކުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކާ ގޮތުގައި ޤާބިލު އަދި ތަޢުލީމީ މުސްލިމް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ތައްޔާރަށް ތިބި ރައްޔިތުންގެ ނިސްބަތް ވެސް އެމެރިކާގައި ގިނައެވެ.

އަދި ބައިނަލްއަޤްވާމީ ގޮތުން ބަލާއިރު، ޔޫރަޕްގެ ޤައުމުތަކުގައި މުސްލިމުން ސިޔާސީ މަތީ މަޤާމުތަކަށް އައުން މިހާރު އާންމުވަމުންދާކަން ފާހަގަކުރެވެއެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީގެ މަޤާމާއި، ލަންޑަނުގެ މޭޔަރުކަން ފަދަ މަޤާމުތަކުގައި މުސްލިމުން ވަނީ ޚިދުމަތްކުރައްވާފައެވެ. ނަމަވެސް އެމެރިކާގައި ދީނާއި ސިޔާސަތު ގުޅިފައިވާ މިންވަރު ބޮޑުވުމާއި، އެގައުމުގެ ނަސްރާނީންގެ ސޮލީބީ ކަމަށް ވުރެން ޒަޔަނިސްޓުކަން ބޮޑުވުމުން މުސްލިމުން ރައީސަކަށް އައުމުގެ ފުރުޞަތާ މެދު ކުރެވޭ ބަޙުސްތައް އަދިވެސް ދަނީ މައިގަނޑު ސިޔާސީ މަސްރަޙުގައި ވަރަށް ބޮޑަށް ދައްކަމުންނެވެ. އަލްޖަޒީރާ

ހިއްސާ ކުރައްވާ!