ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމަށާއި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ބުނެ، އަރަބި އަދި އިސްލާމީ އަށް ގައުމެއްގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި އިސްރާއީލު ކުށްވެރިކުރައްވައިފިއެވެ.
ސޫދީ އަރަބިއްޔާ، މިޞްރު، އުރުދުން، ޕާކިސްތާން، އިންޑޮނޭޝިއާ، ތުރުކީ، ގަތަރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ހާރިޖީ ވަޒީރުން ސޮއިކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ހުށަހެޅުއްވި ސުލްހައިގެ އަމަލީ މަގުޗާޓަށް އިސްރާއީލުން އިންކާރުކުރުމަކީ ސުލްހައަށް އޮތް ހުރަހެއް ކަމަށެވެ. އެ މަގުޗާޓަކީ އަންދާޒާކުރެވިފައިވާ ގޮތުގައި އަންގާރަ ދުވަހު އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާރު ނަންބަރު 2803 އިންވެސް ތާއީދު ދީފައިވާ ހުށަހެޅުމެކެވެ.
އަށް ގައުމުގެ ހާރިޖީ ވަޒީރުން ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުން ނެރެމުންދާ ބަޔާންތަކާއި ނިންމުންތަކަކީ، ސުލްހައިގެ މަސައްކަތައި ސަރަހައްދީ ހަމަޖެހުމަށް ކުރާ މަސައްކަތްތަކަށް ސީދާ ގޮންޖެހުމެކެވެ.
ޣައްޒާއާއި ފަލަސްތީނުގެ ބިންތަކުގައި ސުލްހަ ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އެމެރިކާއިން އިތުރަށް އިސްނަގައި، އިސްރާއީލު އެއްބަސްވުންތަކަށް ތަބާކުރުވުމަށް ބާރުފޯރުވައިދިނުމަށް އަރަބި-އިސްލާމީ ގައުމުތަކުން ވަނީ ގޮވާލާފައެވެ. ސުލްހައިގެ މަގުޗާޓުގައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި އެމެރިކާގެ ހަރަކާތްތެރި ދައުރެއް ބޭނުންވާކަން ފާހަގަކުރައްވައި، އިސްރާއީލުން އިތުރު ހުރަސްތައް އެޅުން ހުއްޓުވުމަށް އެމެރިކާއަށް އިލްތިމާސްކުރެއްވިއެވެ.
އޭގެ އިތުރުން، ޣައްޒާގައި އުފެދިފައިވާ ނުރައްކާތެރި އިންސާނީ ވަސީލަތްތަކުގެ ދަތިކަމަށް ވަގުތުން ހައްލެއް ހޯދައިދިނުމަށާއި، ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ސުލްހައިގެ ރޭވުން ވަގުތުން ހިންގާންޖެހޭ ކަމަށް ވަޒީރުން ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ހައްގު ލިބެންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބާރުއަޅާފައިވެއެވެ.
މިދިޔަ ޖޫން މަހުގެ 31 ގައި "ޕީސް ކައުންސިލް" އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާގެ މަގުޗާޓެއް އިއުލާނުކޮށްފައެވެ. އެ މަގުޗާޓުގައި ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި، އިސްރާއީލުގެ ސިފައިން ފަހަރަކު މަރުހަލާއަކުން ޣައްޒާއިން ފޭބުމާއި، ޣައްޒާގެ ހިންގުން ފަލަސްތީނުގެ ޓެކްނޯކްރެޓިކް ކޮމިޓީއަކާ ހަވާލުކުރުން ހިމެނެއެވެ.
ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި މަގުޗާޓަށް އިންކާރު ކޮށް އިސްރާއީލު ސިފައިން ފޭބުމުގެ ކުރިން ހަމާސްގެ ހަތިޔާރު ދޫކުރަން ޖެހޭ ކަމަށް ބުނެ ޝަރުތުތަކުގައި ހިފަހައްޓަވާފައެވެ. މީގެ ސަބަބުން ސުލްހައިގެ ވާހަކަތައް ވަނީ އަނެއްކާވެސް ހުއްޓުމަކަށް އައިސްފައެވެ.







