މާލެ ޓެކްސީ އެޕްގެ މަޢުލޫމާތު ލީކުކޮށްލި މައްސަލާގައި އެމްޓީސީސީން ބުނަނީ ކީކޭ؟

މާލޭގައި އަލަށް ތައާރަފުކުރި "މާލެ ޓެކުސީ ލައިން" އެޕްލިކޭޝަނުން އާންމުންގެ ޒާތީ މަޢުލޫމާތުތަކެއް ލީކުވެގެންދިޔަ ހާދިސާއަކީ، ސިޔާސީ ބޭނުންތަކެއް ހާސިލުކުރުމަށްޓަކައި އެމްޓީސީސީގެ މުވައްޒަފަކު އަމިއްލައަށް ކޮށްފައިވާ ކަމެއްކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެޕްގެ ޑްރައިވަރުންގެ ޕްރޮފައިލްތަކުގެ ނަންތައް "ހަސަންކުރުސީ" ފަދަ ސިޔާސީ ނަންތަކަށް ބަދަލުކޮށް، ބޭރުގެ ހެކަރުންތަކެއް ސިސްޓަމަށް ހަމަލާދިން ކަމަށް ދެކެވުނު ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެ ކުންފުނިން ހިންގި ޚާއްޞަ ތަޙުޤީޤަކަށްފަހު، ސިސްޓަމްގެ ބެކްއެންޑަށް ހުއްދަ ނެތި ވަދެ، ސްކްރީންޝޮޓް ނަގައިގެން މަޢުލޫމާތު ލީކުކޮށްލާފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން ކަށަވަރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެންގެ އެތެރޭގެ ތަޙުޤީޤުން މިވަނީ ކަށަވަރުވެފައި، މުވައްޒަފަކު ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގެ މަޢުލޫމާތު ބަދަލުކޮށް، ސްކްރީންޝޮޓް ނަގައި، އެ ތަކެތި ލީކުކޮށްލާފައިވާކަން،" އެމްޓީސީސީގެ ބަޔާނުގައިވެއެވެ. "މި މުވައްޒަފު އަމަލުކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ އަދި ސިޔާސީ މަޤުޞަދުތަކެއް ހާސިލުކުރުމަށެވެ."

މި މަޢުލޫމާތު ލީކުވުމާ ގުޅިގެން ސޯޝަލް މީޑީއާގައި އާންމުވި މަޢުލޫމާތުތަކުގެ ތެރޭގައި ޚިދުމަތް ހޯދާ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވޮލެޓް އައިޑީގެ އިތުރުން ދަތުރުކުރި ތާރީޚުތަކާއި ޑްރައިވަރުންނާއި ފަސިންޖަރުންނާ ދެމެދު ބަދަލުކޮށްފައިވާ ޕްރައިވެޓް މެސެޖުތައް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން، ކުށުގެ ވެށީގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މުވައްޒަފު މިހާރު މަސައްކަތުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، ކުންފުނީގެ ޤަވާއިދުތަކުގެ މަތިން އެ މުވައްޒަފާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާ ކަމަށް އެމްޓީސީސީން ކަށަވަރުކޮށްދީފައިވެއެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ސިސްޓަމަށް މި ހުއްދަ ނޫން ވަދެގަތުން ވަގުތުން ފާހަގަވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިސްޓަމް ވަގުތީގޮތުން ބަންދުކުރެވުނު ކަމަށް ވެއެވެ. އަދި ސިސްޓަމްތަކާއި ސާވަރުތައް މުޅިން ސެކިއުރިކޮށް، އަލުން އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއާއެކު، އެޕްލިކޭޝަން މިހާރު އެއްވެސް ނުރައްކަލެއް ނެތި، ފުރިހަމައަށް ބޭނުންކުރެވެމުންދާ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދީފައިވެއެވެ.

އެމްޓީސީސީގެ "މާލޭ ޓެކްސީ" އެޕްލިކޭޝަން ހެކްކުރީތަ؟ ކުންފުނި ހިމޭނުން! ޖަވާބެއް ނެތް!

ހިއްސާ ކުރައްވާ!