ރަޝިއާއިން ރާއްޖެއަށް ކުރާ އެއާލައިން ދަތުރުތައް އިތުރުކުރުމަށް އެއްބަސްވެއްޖެ

ދިވެހިރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، ރަޝިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ދެ ގައުމުގެ ސަރުކާރުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި އެއްބަސްވުމަށް އާދެވިފައިވަނީ މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ރަޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ކަމާބެހޭ އިސް މަސްއޫލުވެރިންނާއެކު ބޭއްވެވި މަޝްވަރާތަކަށްފަހުގައެވެ.

މިނިސްޓަރު އަމީން މީސްމީޑިއާ މަންސަ އެކްސްގައި ވިދާޅުވީ، ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ މެދުގައި ވައިގެ މަގުން ކުރެވޭ ދަތުރުތައް ފުޅާކުރުމާއި، އެއާލައިންތަކުގެ ފްލައިޓްތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވި، އެކަމަށް އެއްބަސްވެވިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ފްލައިޓްތައް އިތުރުކުރާނެ ވަކި ތާރީޚަކާއި އަދަދުތަކުގެ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ދަތުރުފަތުރުގެ ދާއިރާއިން އާ ފުރުސަތުތައް ހޯދުމަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު އަމީންގެ އަރިހުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ގައުމީ އެއާލައިން މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ސަރުކާރާއި އަމިއްލަ ސިނާއަތުގެ ބައިވެރިން އެކުލެވޭ ގޮތަށް އެކުލަވާލެވުނު މި ވަފުދުގެ ސަބަބުން، ސިޔާސަތުތައް ބައްޓަންކުރުމާއި، ސީދާ ދަތުރުފަތުރުގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން މާކެޓިން ޕްރޮމޯޝަންތައް ކުރިއަށްގެންދިއުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރަޝިއާގެ މޮސްކޯއާއި ސެއިންޓް ޕީޓާސްބާގުގެ އިސް ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ހޮސްޕިޓާލިޓީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން ޑިޖިޓަލް މަންސަތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަޝިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އަދި މުހިންމު މާކެޓެވެ. އެގޮތުން، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރަޝިއާއިން 197,863 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އައި މުޅި ޖުމްލަ ފަތުރުވެރިންގެ 14.7 އިންސައްތައެވެ. ވޭތުވެދިޔަ އަހަރުވެސް ރަޝިއާއިން 278,761 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ފްލައިޓްތައް އިތުރުވެގެން ދިއުމަކީ ކުރިއަށް އޮތް ތަނުގައި ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް މަތިވެ، ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

ހިއްސާ ކުރައްވާ!