އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވަމުންދާ ހަނގުރާމަ އިތުރަށް ފުޅާކުރައްވައިފިނަމަ، ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރުމާ ގުޅިގެން، ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) އިން ކޮންމެފަދަ ނުރައްކަލަކުންވެސް އިއްތިހާދުގެ ބައިވެރިން ދިފާއުކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފިއެވެ.
ނޭޓޯގެ މަސްއޫލުވެރިއަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްތިހާދުގެ ކޮންމެ ގައުމަކަށް ކުރިމަތިވާ ނުރައްކަލަކުން ރައްކާތެރިވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ގާބިލުކަން ނޭޓޯގައި އެބަހުރި ކަމަށެވެ. އަދި ނޭޓޯގެ ދިފާއީ ބާރުތައް އޮތީ ވަރަށް ވަރުގަދަކޮށް އަދި ތައްޔާރީ ހާލަތެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިއަހަރުގެ ކުރީކޮޅު އީރާނުން ތުރުކީއާ ދިމާއަށް ފޮނުވާލި ބެލިސްޓިކް މިސައިލްތައް ނޭޓޯގެ ވައިގެ ދިފާއީ ނިޒާމުން ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކަމާއެކު ވައްޓާލި ފަދައިން، މަޑުޖެއްސުމާއި ދިފާއުވުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ވަރުގަދައަށް އެބައޮތްކަން ވަނީ ސާބިތުވެފައި،" ނޭޓޯގެ އޮފިޝަލު ވިދާޅުވިއެވެ.
މި އިންޒާރުތައް ފެންމަތިވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ފުޅާ ހަނގުރާމައިގެ ތެރޭގައެވެ. އީރާނުން ވަނީ މީގެ ކުރިންވެސް ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އެހީތެރިވާ ގައުމުތަކަށް އިންޒާރުދީ، ހުރްމުޒް ކަނޑުއޮޅީގައިވެސް އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައެވެ.
ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ ރިޕޯޓުތައް އާންމުވުމާއެކު، ނޭޓޯގެ އިރުމަތީ އަދި ދެކުނު ސަރަހައްދުތަކުގެ ވައިގެ ދިފާއީ ނިޒާމުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އީރާނުގެ މިސައިލް އުދުވާންތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަގުވާމީ އިއްތިހާދުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.





