ޓްރަމްޕް މޮޔަވެއްޖެ

އީރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް އިގްތިސާދީ ގޮތުން ބޮޑެތި އަދަބުތަކެއް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ.

އީރާނުގެ އިގްތިސާދު އިތުރަށް އިދަޖައްސާލުމަށްޓަކައި ތާރީޚުގައިވެސް ހިންގާ އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތައް އަޅަން ނިންމަވާފައިވާކަން އިއުލާނު ކުރައްވައި، އީރާނާއެކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުވަތަ މާލީ މުއާމަލާތެއް ކުރާ ކޮންމެ ގައުމަކާ ދެކޮޅަށް "އިންތިހާއަށް ބޮޑެތި" އިގްތިސާދީ އަދަބުތަކެއް ދޭނެކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ډޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތު ސޯޝަލް' ގައި ކުރެއްވި ހަރުކަށި މެސެޖެއްގައި ވިދާޅުވީ، މިއީ ގައުމަކާ ދެކޮޅަށް މިހާތަނަށް ފަށާ އެންމެ ފުރިހަމަ އަދި ނުރައްކާތެރި އިގްތިސާދީ ހަނގުރާމަ ކަމަށާއި، މީގެ ސަބަބުން އީރާން ދުނިޔެއިން އެކަހެރިވެގެންދާނެ ކަމަށެވެ. އަދި އީރާނުގެ މާލީ އިދާރާތަކަށާއި، ވިޔަފާރިތަކަށް، އެއާޕޯޓްތަކަށް ނުވަތަ ސަރުކާރުގެ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެގައުމުގެ އިގްތިސާދަށް އާރޯކަމެއް ދިނުމަށް މަސައްކަތްކުރާ ކޮންމެ ގައުމަކުންވެސް އޭގެ ހިތި ނަތީޖާ ތަހައްމަލުކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި އިންޒާރުގައި ވަކި ގައުމެއްގެ ނަން ނުގަތް ނަމަވެސް، އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ މަގުސަދަކީ އީރާނަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބޭ މާލީ އެހީތެރިކަން މުޅިން ހުއްޓުވާލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ތެޔޮ ވަގަށް ބޭރުކުރުމާއި، ކަރަންސީ ސުވާޕް ލައިންތަކާއި، ނަގުދު ފައިސާ ބަދަލުކުރުމާއި، އަދި ބޭރުގެ ކުންފުނިތައް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

މި ފިޔަވަޅުތައް އިއުލާނު ކުރައްވާފައިވަނީ އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، ކޮންޓްރޯލް ނެގުމުންނެވެ.

ހިއްސާ ކުރައްވާ!