ނަތަންޔާހޫ ޖެނޮސައިޑް ހަމަލަތައް ވަރުގަދަ ކޮށްފި

ޓްރަމްޕްގެ ފަރާތުން އަރަބި ޝާހީ އާއިލާތަކުން ޗަންދާ އެއްކުރުމަށް މެދުއިރުމައްޗަށް ދަތުރުކުރާ އޭނާގެ ދަނބި ކޮއެ ޖެރާޑް ކުޝްނާ މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު، ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ދެމުންދާ ޢުދުވާނީ ހަމަލާތައް ވަރުގަދަކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެތޭގައި ފަލަސްޠީނުގެ ގިނަ ރައްޔިތުންތަކެއް ޝަހީދުވެފައިވާއިރު، މިއީ އެމެރިކާ އިން ބުނާ ސުލްހައިގެ އެއްބަސްވުމަށް އޮތް ގޮން ޖެހުމެކެވެ.

އިސްރާީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު ކުޝްނާ ޔަހޫދީ ދައުލަތުން ފުރުމަށްފަހު، އިސްރާީލު ސިފައިން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުންނާއި ބިމުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މި ހަމަލާތަކުގައި ވޭތުވެދިޔަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެކަނިވެސް 17 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ރަސްމީ ފަރާތްތަކުން ވިދާޅުވެއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވާ ތަންތާނގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކާއި ޢާންމުން ދިރިއުޅޭ ސަރަޙައްދުތައް ހިމެނެއެވެ. ފަލަސްޠީނުގެ ދާޚިލީ ވުޒާރާއިން ބުނީ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފުލުހުންގެ މީހުންނާއި ކުޑަކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ. މިއީ ސަރަޙައްދުގައި ޤާނޫނުގެ ބާރު ހިންގުން، އިތުރަށް ހަލަބޮލިކަން ހަމަނުޖެހުން އުފެއްދުމަށް ޖެނޮސއިޑް ރެޖީމުން ހިންގާ ޖަރީމާތަކެއް ކަމަށް ފަލަސްޠީނުގެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

މިފަދަ ނުރައްކާތެރި ހަމަލާތަކެއް ދެމުންދަނީ އެމެރިކާގެ އިސްނެގުމުގެ މަތިން ޣައްޒާގައި ސުލްޙަ ޤާއިމުކުރުމަށާއި، ދިގުލައިގެންގޮސްފައިވާ ހަނގުރާމަ ހުއްޓުވުމަށް ވާހަކަތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިސްރާީލުގެ ވެރިންގެ ފަރާތުން ފެންނަނީ ސުލްޙައިގެއުޞޫލުތަކަށް ބޯލަނބައި ނުލައި ހަނގުރާމަ ކުރިއަށްގެންދިއުމަށް ބާރުއަޅަމުންދާ މަންޒަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާީލުގެ ބޮޑުވަޒީރު ދަނީ ވެރިކަން ދެމެހެއްޓުމަށް ބޭނުންވާ ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ހަނގުރާމައިގެ ހާލަތު ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ސުލްޙައިގެ ޗާޓަށް އަމަލުކުރުމުގެ ބަދަލުގައި، އިސްރާީލުން ބާރުއަޅަމުންދަނީ އެ ޤައުމުގެ އަސްކަރީ މަސްލަޙަތު އިސްކޮށް، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ހަނގުރާމައިގެ ތެރެއިން ސިޔާސީ މަންފާ ހޯދުމަށެވެ.

ހަމާސް ޖަމާއަތުން ވަނީ ޣައްޒާގައި ހިންގާ ޤަތުލުޢާންމުތަކަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އިމްތިޙާނެެއ ކަމަށް ބުނެފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސަރަޙައްދުގެ މަސްރަޙު އިތުރަށް ގޯސްވެ، ސުލްޙައިގެ ހުރިހާ މަސައްކަތެއް ނާކާމިޔާބުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!