ބަންގްލަދޭޝްގެ އެންމެ ބޮޑު އުފެއްދުންތެރިކަމާއި އެކްސްޕޯޓް ސިނާޢަތް ކަމަށްވާ ތައްޔާރީ ހެދުން އުފައްދާ ދާއިރާއަށް ކުރިމަތިވެފައިވާ ގޭސް ލިބުމުގެ ދަތިކަމުގެ ސަބަބުން، އެ ސިނާޢަތް އިތުރު ނުރައްކަލަކަށް ހުށަހެޅެމުންދާ ކަމަށް އިންޑަސްޓްރީ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. ޤުދުރަތީ ގޭހާއި ދުވަސްވީ މެޝިނަރީއަށް މުޅިން ބަރޯސާވެގެން މަސައްކަތްކުރާ ކާރުޚާނާތަކަށް ކުރިމަތިވެފައިވާ މި ޙާލަތުގެ ސަބަބުން، ކާރުޚާނާތަކުގެ ހިންގުމުގެ ޚަރަދު އިންތިހާއަށް އުފުލި، ބައިނަލްއަޤްވާމީ މާރުކޭޓުގައި ވާދަކުރުމުގެ ޤާބިލުކަން ދަނީ ކުޑަވަމުންނެވެ.
މި ކާރިސާ މެދުވެރިވާންޖެހުނު މައިގަނޑު ސަބަބަކީ އެޤައުމަށް އެތެރެކުރާ އެލްއެންޖީ ރައްކާކުރާ ޓާމިނަލްތަކަށް ދިމާވި މައްސަލަތަކާއި، ޤައުމީ ގްރިޑުން ފޯރުކޮށްދޭ ގޭހުގެ ޕްރެޝަރު ދަށްވުމެވެ. ސިނާޢީ ސަރަޙައްދުތަކުގައި ގޭސް ޕްރެޝަރު ދަށްވުމުގެ ސަބަބުން ހެދުމުގައި ކުލަ ޖައްސާ މެޝިންތަކާއި އަދި ފިނިޝިންގްގެ މަސައްކަތް ކުރާ ފެކްޓްރީތަކުގެ އުފެއްދުންތެރިކަން ވަނީ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައެވެ. ގޭހުގެ ބަދަލުގައި އަގުބޮޑު ޑީސަލް ޖެނެރޭޓަރު ބޭނުންކުރަން ޖެހުމުން، ކަރަންޓަށް ކުރާ ޚަރަދު ދެގުނައަށްވުރެ ބޮޑުވެ، އުފެއްދުންތަކުގެ އަގު އުފުލިފައި ވެއެވެ.
ބަނގްލަދޭޝްގެ އިގްތިސާދު ބަރޮސާވާ މި ސިނާއަތަށް ދިމާވެފައިވާ މައްސަލައަކީ ބައިނަލްއަޤްވާމީ ބްރޭންޑްތަކުން ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އަމަލުކުރުމަށް ބާރުއަޅަމުންދިއުމާއި މިހާެރު ދުނިޔެއަށް ދިމާވެފައިވާ ހަކަތައިގެ ކާރިސާގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އާ ވަސީލަތްތަކަށް އިންވެސްޓްކުރުމަށް ފެކްޓްރީތަކުގެ މާލީ ޤާބިލުކަން ނެތުމުން ދިމާވި މައްސަލައެކެވެ.
ބަނގްލަދޭޝްއަށް ހަކަތައިގެ ކަށަވަރުކަން ނުހޯދިއްޖެނަމަ، އެގައުމާ އެކު ވިޔަފާރިކުރާ ފަރާތްތައް ވިއެޓްނާމާއި އިންޑިއާ ފަދަ ވާދަވެރި ޤައުމުތަކަށް މިސްރާބު ބަދަލުކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެއެވެ.




