ރާއްޖޭގައި އުފެދިފައިވާ ބޭރު ފައިސާގެ ދަތިކަމާއި ޑޮލަރުގެ ކަޅުބާޒާރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ފަންނީ ދިރާސާތަކާއި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، އެކަމުގެ އެދެވޭ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކަޅުބާޒާރުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު އުފެދިފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންއިރު އިގުތިސާދު އޮތީ ނާޒުކު ހާލަތެއްގައި ކަމަށްވީ ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ދައުލަތުގެ ދަރަނީގެ ތެރެއިން 1.3 ބިލިއަން ޑޮލަރު ދައްކައި އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅވި ގޮތުގައި، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެއެވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ ކުއްލިއަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުމުގެ ބަދަލުގައި، ކަމާބޭހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ވަކި ތަރުތީބެއްގެ ތެރެއިން ކަންކަން އިސްލާހުކުރުމެވެ. އެގޮތުން ބޭރު ފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، 'އޭ' ކެޓަގަރީގެ ވިޔަފާރިތަކަށް ވަންނަ ބޭރު ފައިސާގެ 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރަން ޖެހޭގޮތް ހެދުމާއި، ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ސީދާ ބޭންކު އެކައުންޓްތަކަށް ޖަމާކުރަން ޖެހޭގޮތަށް ހަމަޖެއްސި ހަމަޖެއްސުމަކީ އިގުތިސާދީ ފްލޯ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަކުރެއްވިއެވެ.
ތިލަމާލެ ބްރިޖްގެ ކޮލިޓީއާއި ފަންނީ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުން
އިގުތިސާދީ ސިޔާސަތުތަކުގެ އިތުރުން ގައުމީ ތަރައްގީގެ އެހެން ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން، ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮލިޓީއާ މެދު ކުރެވޭ ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު 'އާރޮޕް' ކުންފުނިން ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް ބްރިޖު ގުޅާލެވި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އުމްރާނީ ތަރައްގީއާއެކު ގައުމީ ބިނާރަށް ބޭނުންވާ ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނިއަރިން ފަދަ މުހިންމު ފަންނީ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމާއި މަޖިލީހުގެ މަސައްކަތްތައް
ލާމަރުކަޒީ ނިޒާމާއި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކައުންސިލްތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށެވެ. ނަމަވެސް، ބައެއް ކައުންސިލްތަކުން ސިޔާސީ ވިސްނުން އިސްކޮށް ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރަސްއަޅާނަމަ، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ގާނޫނީ އިސްލާހުތަކުގެ ތެރެއިން އެހެން މަގުތައް ހޯދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ އަމިއްލަ މެންބަރަކު ހުށަހެޅުއްވި ކަމުގައި ވިޔަސް، ގައުމަށް ފައިދާހުރި ކޮންމެ އިސްލާހަކަށް ސަރުކާރުން ތާއީދުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި މީޑިއާގެ ޒިންމާ
ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތްތަކަކީ ވަކި ބަޔަކު ސިޔާސީ ގޮތުން މައިތިރިކުރުމަށް އިހުލާސްތެރިކަމެއް ނެތި ކުރި ކަންކަން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެސެޓް ރިކަވަރީ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް، ނިޒާމީ ގޮތެއްގައި ކޮރަޕްޝަން ހުއްޓުވައި ދައުލަތަށް ފައިސާ ހޯދޭނެ ވަރުގަދަ ގާނޫނީ ނިޒާމެއް ގާއިމުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީޑިއާގެ ޒިންމާއާ ގުޅޭގޮތުން ނަސޭހަތާއި އިރުޝާދު ދެއްވަމުން ރައީސް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، ހަގީގަތް ނުބަލައި ފަތުރާ ދޮގު ހަބަރުތަކަކީ ގައުމީ މަސްލަހަތަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެމަނިކުފާނުގެ މުޅި ސިޔާސީ އަމާޒު ހުރީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ނޫން ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ފުއްދައިދިނުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.






