މާލޭގައި ގޭސްފުޅި ލީކުވުމާއި ގޭސް ގޮވުމުގެ ހާދިސާތައް ކަންބޮޑުވާ މިންވަރަށް އިތުރުވާން ފަށައިފިއެވެ. ގޭސްފުޅި ބޭނުންކުރުމުގައި ހުރި ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ސުއާލު އުފެދިއްޖެ އެވެ. އެގޮތުން، އެންމެ 4 ދުވަހުގެ ތެރޭގައި ހިނގި ދެ ހާދިސާއެއްގައި މީހަކު މަރުވެ، އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
އެންމެ ފަހުން މިއަދު ހެނދުނު ހިނގި ހާދިސާގައި، މާލޭގެ ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ ގޭގެއެއްގެ ފުރަތަމަ ފަންގިފިލާގައި ގޭސް ލީކުވެގެން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގު ވަނީ ނިޔައުވެފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހެނދުނު 10:30 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް އެ އަންހެން މީހާ ގެންދިޔައިރުވެސް އޮތީ ނިޔައުފައެވެ.
މި ހާދިސާގައި ނިޔައުވި ޒާހިދާގެ އުމުރުން 19 އަހަރުގެ އަންހެން ދަރިފުޅުގެ ހާލުވެސް ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލުގެ ހައިޕަބެރިކް ޗެމްބާގައި ދަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި އެ ގޭގައި ދިރިއުޅެމުން ދިޔައީ އެ ދެމައިން އެކަންޏެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ތަހުގީގު ކުރަމުންދާއިރު، ހާދިސާ ހިނގި ސަރަހައްދުގައި ގޭސް ވަސް ވަރަށް ގަދައަށް ހުރި ކަމަށް އެ ވަގުތު އެ ސަރަހައްދުގެ އާންމުން ވަނީ ބުނެފައެވެ.
- މި ހާދިސާ ހިނގާފައި މިވަނީ، ގ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ތާ 3 ދުވަސް ފަހުންނެވެ.
- އޯގަސްޓް 24 ވީ ހޯމަ ދުވަހުގެ ފަތިހު ހިނގި އެ ހާދިސާގައި، 15 މީހުން ދިރިއުޅޭ 5 ކޮޓަރީގެ އެޕާޓްމަންޓެއްގައި އުޅުނު ބިދޭސީ 4 މަސައްކަތްތެރިއަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
- އެ ގޮވުމުގެ ސަބަބުން އިމާރާތުގެ ފާރެއް ވެއްޓި، ފެން މީޓަރުތަކާއި ހޮޅިތަކަށް ގެއްލުންވެ މުޅި ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ވިލަރެސް ނުކުރެވި، ޖެހިޖެހިގެން ހިނގަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތަކާއެކު، އާންމު ގޭބިސީތަކަށް ފޯރުކޮށްދޭ ގޭސްފުޅިތަކުގެ ފެންވަރާއި، ރެގިއުލޭޓަރުތަކާއި، ހޯސް ބައިންޑަރުތަކުގެ ރައްކާތެރިކަމާމެދު ސުއާލު އުފެދެއެވެ. ގޭސް ލީކުވުމުގެ މައްސަލަތަކަކީ އާންމުކޮށް ގޭގޭގައި ދިމާވާ ކަމަކަށް ވީނަމަވެސް، ފުޅިތަކުން ގޭސް ލީކުވާ މިންވަރު އިތުރުވުމަކީ ސަޕްލައިކުރާ ކުންފުނިތަކުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަންޖެހޭ ކަމެކެވެ.
"ގޭސްފުޅި ގެއަށް ގެންނައިރު ވޭލްވް ނުވަތަ ސީލް ރަނގަޅަށް ހުރިތޯ ބެލުމަކީ ކުންފުނިތަކުގެ ބޮޑު މަސްއޫލިއްޔަތެއް. އަދި އާންމުންވެސް ގޭސްފުޅި ބަދަލުކުރުމުގައި މީގެ ކުރިއަށްވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރިވާންޖެހޭ،" މާލޭގައި ދިރިއުޅޭ އާންމު ރައްޔިތަކު ކަންބޮޑުވުމާއެކު ބުންޏެވެ.
ރާއްޖޭގައި ގޭސް ސަޕްލައި ކުރާ ކުންފުނިތަކުން ސޭފްޓީ ޗެކްތައް ވަރުގަދަކޮށް، ބާވެފައިވާ ފުޅިތައް ބޭނުންކުރުން ހުއްޓުވުމަކީ އިތުރު ހާދިސާތައް ހުއްޓުވުމަށް ކުރަން ޖެހިފައިވާ ކަމެކެވެ.



