ޓީޗަރުންނާއި ނުރުހުންވެފައިވާ ބެލެނިވެރިންނާ ދެމެދު ހިނގާ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދޭ މަސްނޫއީ ބުއްދީގެ ރޮބޯޓެއް އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވަރސިޓީގެ ރިސާޗަރުން އުފައްދައިފިއެވެ. "ފްލެޗް" ނަމަކަށް ކިޔާ މަބު ރޮބޯޓަކީ، ސްކޫލް މާހައުލުގައި ދިމާވާ ކަންކަމާ ގުޅިގެން ހިތްހަމަނުޖެހޭ ބެލެނިވެރިންގެ ރޯލު ކުޅެ، ތަމްރީނުވަމުންދާ ޓީޗަރުންނަށް ރައްކާތެރި މާހައުލެއްގައި އެފަދަ ހާލަތްތަކާ ކުރިމަތިލާން ދަސްކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސޮރެކެވެ.
މި ރޮބޯޓު ޕްރޮގްރާމްކޮށްފައިވަނީ ތަޖުރިބާކާރު ޓީޗަރުންގެ ޙަޤީޤީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން، ދަރިވަރުންގެ މާކްސް ދަށްވުމުންނާއި ސްކޫލުން ސަސްޕެންޑްކުރުމުން ހިތްހަމަނުޖެހިގެން އަންނަ ބެލެނިވެރިން ފަދަ ތަފާތު މިޒާޖުގެ މީހުންނާ "ފްލެޗް" އަށް މުއާމަލާތު ކުރެވޭނެއެވެ. އާދާގެ ރޯލްޕްލޭގެ ހަރަކާތްތަކާ ޚިލާފަށް، މި ރޮބޯޓަކީ ޓީޗަރު ދައްކާ ވާހަކައަށާއި ރައްދުދޭ ގޮތަށް ބަލައި، ވަގުތުން ޖަވާބުތަކާއި އިހުސާސްތައް ބަދަލުކުރުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޯޓެކެވެ. މިއީ ޓީޗަރުންނަށް ކުރިމަތިވާ ނަފްސާނީ ޕްރެޝަރު ކުޑަކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ލާ ޓްރޯބް ޔުނިވަރސިޓީގެ ޕްރޮފެސަރ ތެރީސް ކީން ހާމަކުރެއްވި ގޮތުގައި، އޮސްޓްރޭލިއާގެ ސްކޫލްތަކުގައި ޓީޗަރުންނަށް އަނގަބަހުން ކުރިމަތިވާ ޙަމަލާތަކާއި ހިތްހަމަނުޖެހުންތަކަކީ ޓީޗަރުން ވަޒީފާއިން ވަކިވުމަށް މެދުވެރިވާ މުހިންމު ސަބަބެކެވެ. މި ރޮބޯޓުގެ ސަބަބުން އާ ޓީޗަރުން ކްލާސްރޫމަށް ނުކުތުމުގެ ކުރިން މައްސަލަތައް ހަމައަކަށް އަޅުވައި، ސުލްހަވެރިކަމާއެކު މުއާމަލާތްކުރުމުގެ ޤާބިލުކަން އަދި ވިސްނުންތެރިކަން އިތުރުވެގެންދާނެއެވެ. މި ނިޒާމު އެ ޔުނިވަރސިޓީގެ އިތުރުން ވިކްޓޯރިއާގެ ބައެއް ސްކޫލްތަކުގައި ބޭނުންކުރުމަށް މިހާރު ވަނީ ނިންމާފައެވެ.







