ދުނިޔެ ހޫނުވާތީ އޮފީހަށް ދާ މީހުން ސޯޓުލާން ފަށައިފި

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޫނުމިން އިންތިހާއަށް މައްޗަށް ދާތީ، އޮފީސްތަކަށް ދާ ފިރިހެނުންގެ ރަސްމީ ހެދުމުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ޒަމާނުއްސުރެ އޮފީސްތަކުގައި ގަވާއިދުން ލާންޖެހޭ ސޫޓާއި ޓައި ދޫކޮށްލުމަށްފަހު، ޓޯކިޔޯއިން ފެށިގެން ލަންޑަނާއި ޔޫރަޕްގެ މާލީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މިހާރު ވަނީ ސޯޓ ުލައިގެންނާއި ތުނި ފޮތީގެ ހެދުމުގައި އޮފީހަށް ނުކުންނަން ފަށާފައެވެ. މިއީ އެތައް އަހަރެއް ވަންދެން ގެންގުޅުނު އޮފީސް ފެޝަން ސަގާފަތަށް އައި ބޮޑު އިގިލާބެކެވެ.

މި ބަދަލުގެ އެންމެ ކުރީގައި އޮތީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ. ޓޯކިޔޯ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ކޫލް ބިޒް" ކެމްޕޭނުގެ ދަށުން، މުވައްޒަފުން ކޯޓާއި ޓައިގެ އިތުރުން ދިގު ހަރުވާޅާއި ފަޓުލޫނު ދޫކޮށް، ޝޯޓާއި ޓީޝާޓު ލައިގެން އޮފީހަށް ނުކުތުމަށް ވަނީ ބާރުއަޅާފައެވެ.

މިއާއެކު ޔޫރަޕްގެ ބޮޑެތި ބްރޭންޑްތަކުންނާއި ހެދުން ވިއްކާ ފިހާރަތަކުން ވަނީ ލިނެން ފެބްރިކްގެ ޝޯޓްސްއާއި ލުއި ހެދުންތައް ވިއްކާ މިންވަރު އިތުރުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ މާކްސް އެންޑް ސްޕެންސާ އިން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖޫން އަދި ޖުލައި މަހު ފިރިހެނުންގެ ލިނެން ހެދުން ވިކުނު މިންވަރު ވަނީ 183 އިންސައްތައަށް އިތުރުވެފައެވެ.

ނަމަވެސް، މި ބަދަލާއެކު ބައެއް ކުންފުނިތަކުގެ މެނޭޖްމަންޓްތަކާއި މުވައްޒަފުންނާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތައް އުފެދެން ފަށާފައެވެ.

ބައެއް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ސޯޓު ލުމަށް ހުއްދަ ދިންނަމަވެސް، އެއީ ރަސްމީ ސިފައެއް އެކުލެވޭ މުނާސަބު ހެދުމަކަށް ވާންޖެހޭނެ ކަމަށް ބުނެއެވެ.

ސުވިޒަލޭންޑްގެ ސްވިސް ރީ ފަދަ ބޮޑެތި އިންޝުއަރެންސް ކުންފުނިތަކުން އަދިވެސް ބުނަމުންދަނީ ބަންދު ދުވަސްތަކުގައި ސޮޓު ލައިގެން އޮފީހަށް އައިނަމަވެސް ބައެއް ދުވަސްތަކުގައި އޮފީހަށް ފަޓުލޫނު ލައިގެން އަންނަން ޖެހޭނެ ކަމަށެވެ. މިއާ ޚިލާފަށް ޖަރުމަން އަދި ބައެއް ގައުމުތަކުގެ ލޭބަރ ޔޫނިއަންތަކުން ދަނީ ހޫނުމިން މަތިވާ ދުވަސްވަރު ހެދުމުގެ ގަވާއިދުތަކަށް ލުއިދިނުމަށް ވަކާލާތު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!