ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ބޮޑު އިންސައްތައެއް ދިވެހި ރުފިޔާއަށް މާރުކުރަން ސަރުކާރުން މަޖުބޫރުކުރުމާ ގުޅިގެން، މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ފެށި ޕެޓިޝަނުގައި އެއް ދުވަސް ތެރޭގައި 42 ރިސޯޓެއްގެ މުވައްޒަފުން ސޮއިކޮށްފިއެވެ.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕެޓިޝަނަކީ، ކުރިއަށް އޮތް އޮކްޓޯބަރު މަހުން ފެށިގެން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމުކޮށް ގަވާއިދަށް ގެންނަން އުޅޭ ބަދަލާ ގުޅިގެން ފެށި ހަރަކާތެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު މައިގަނޑު ގޮތެއްގައި އެމެރިކާ ޑޮލަރުން ދެމުން އަންނައިރު، އާ އުސޫލުގެ ސަބަބުން އެ މީހުންގެ މާލީ ރައްކާތެރިކަމަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
ޓީމުން ހާމަކޮށްފައިވާ ގޮތުގައި، ފެށިގެން އުޅޭ ޕެޓިޝަނަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ބޮޑު ތަރުހީބުން އަންގައިދެނީ މުވައްޒަފުންގެ ހައްގުތަކާއި ދިރިއުޅުމުގެ ވަސީލަތްތައް ދިފާއުކުރުމުގައި އެ މީހުންގެ މެދުގައި އޮތް ބަދަހިކަމެވެ. އެ ޖަމިއްޔާއިން ވަނީ ރިސޯޓުތަކުގެ މުވައްޒަފުން މި ޕެޓިޝަނުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.
މި ޕެޓިޝަނުގެ މައިގަނޑު ގޮވާލުމަކީ، މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވަގުތުން ހުއްޓާލުމެވެ. ރަސްމީ ރޭޓުގައި ބޭންކުތަކުން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި، މުވައްޒަފުންގެ އާމްދަނީ ރުފިޔާއަށް ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޓީމުން ބުނެއެވެ. އަދި ޑޮލަރުގެ ތަދުމަޑުކަން ހައްލުކުރުމަށްޓަކައި މުވައްޒަފުންގެ މުސާރައިގައި އަތްލުމުގެ ބަދަލުގައި، ސަރުކާރުގެ އިސްރާފުތަކާއި ހަރަދުތައް ކުޑަކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މި މައްސަލައިގައި ރިސޯޓު އޮޕަރޭޓަރުންގެ ކަންބޮޑުވުންތައްވެސް ވަނީ ފެންމަތިވެފައެވެ. ރާއްޖޭގެ 146 ރިސޯޓެއް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރިސޯޓުތައް ހިންގުމަށް ބޭނުންވާ ތެލާއި، މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖުގެ އިތުރުން، ބޭރުގެ ދަރަނިތަކާއި ޓެކްސް ދެއްކުމަށް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވާކަން މަޓީން ފާހަގަކުރެއެވެ.
މަޓީން ހާމަކުރި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު އެންމެ ފުރަތަމަ މަޝްވަރާކުރެވުނީ އާމްދަނީގެ 20 އިންސައްތަ މާރުކުރުމާ ގުޅޭގޮތުންނެވެ. ނަމަވެސް އިތުރު މަޝްވަރާއަކާ ނުލައި، އެ އަދަދު ކުއްލިއަކަށް 40 އިންސައްތައަށް ބޮޑުކުރުމަކީ ސިނާއަތަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އެމްއެމްއޭއިން މިހާރު ތައްޔާރުވަމުންދަނީ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވާލައި، އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރަން ލާޒިމުކުރާ ގޮތަށް ގަވާއިދު އިސްލާހުކުރުމަށެވެ.
ވަކިވަކި ވިޔަފާރިތަކުން ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކުގެ ސަބަބުން، މުޅި ސިނާއަތަށް ބުރަވާ ގޮތަށް ސިޔާސަތުތައް ބަދަލުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް މަޓީން ބުނެއެވެ. އަދި ކަޅު ބާޒާރުގެ މައްސަލައަކީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ގައުމީ އިގްތިސާދަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ސިނާއަތުގެ ހައިސިއްޔަތުން، ހަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރާއި އެމްއެމްއޭއާއެކު އިތުރަށް މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް މަޓީން ވަނީ ހާމަކޮށްފައެވެ.


