ބުޅަލުގެ ހައްގަށް ވިސްނާ ރައީސަކީ ރައީސް މުއިއްޒު

މާލެ ސަރަހައްދުގެ މަގުތަކުގައި ގިނަވެފައިވާ ބުޅާތަކުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބުޅާ ޖަޒީރާއެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ.

މިކަމާ ބެހޭ މައުލޫމާތު ދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރާއްޖެ ފަދަ ތަނެއްގައި އެންމެ ފުރިހަމަ ޒަމާނީ ވަސީލަތްތަކާއެކު މިފަދަ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމާއި ޝައުގުވެރިކަންވެސް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އާންމުގެ ބަޔަކު މިކަން ސިފަ ކޮށްފައި ވަނީ ސަރުކާރުން ބިނާ ކުރާ ބުޅާލަށް ޚާއްސަ ރިސޯޓްގެ ގޮތުގައެވެ.

މި މަޝްރޫއަކީ ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދެއްދާނެ ކަމަކަށްވާތީ، ސަރުކާރުން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކަށް ހުޅުވާލައިގެން އިިންވެސްޓްމަންޓް އުސޫލުން މިކަން ކުރިއަށްގެންދިއުމަށެވެ. އެގޮތުން، މި ރަށް ތަރައްގީކޮށް ހިންގުމަށް ބޭރުގެ ފަރާތްތައް ހިމެނޭހެން ބައެއް ފަރާތްތަކުން މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

"އިންޓަނޭޝަނަލް ޕާޓީއަކުންވެސް ވަނީ ޕްރޮޕޯސަލްއެއް ހުށަހަޅާފައި. އަޅުގަނޑުމެން މި އުންމީދުކުރަނީ ބުޅާ ނުވަތަ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި އެ މަޝްރޫއު ވަރަށް ކާމިޔާބު މަޝްރޫއަކަށް ވެގެންދާނެ ކަމަށް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ފަންނީ ގޮތުން އިވެލިއުއޭޓްކޮށް، އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށްވެސް އެ މޫސުމީ ވުޒާރާއިން މައުލޫމާތު ދެއެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އާންމު ސާފުތާހިރުކަމަށާއި އާންމު ސިއްހަތަށް އޭގެ އަސަރުކުރަމުންދާތީ، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ހުޅުމާލެ ފޭސް 2 ގެ ފަރުކޮޅުފުށި ސަރަހައްދުގައި "އޮޅުހިޔާ" ނަމުގައި ވަގުތީ ބުޅާ ފެސިލިޓީއެއް ކުރިން ހުޅުވިއެވެ. ނަމަވެސް، އެތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން، އެ މަރުކަޒު ހިންގުން ވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

އަހަރުގެ މުޅި އަންދާޒާތަކަށް ބަލާއިރު، ހުޅުމާލޭގައި ގާއިމުކުރެވުނު އޮޅުހިޔާ ފެސިލިޓީއަށް އެކަނިވެސް 352 އަށްވުރެ ގިނަ ބުޅާ ގެންގޮސް ބަލަހައްޓަމުން ގޮސްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ބުޅާ ރިސޯޓު މަޝްރޫއާއެކު، ބުޅާތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ، މާލެ ސަރަހައްދުގެ މަގުމަތީގެ ތާހިރުކަން ދާއިމީ ގޮތެއްގައި ކަށަވަރުކުރުމެވެ.

ހިއްސާ ކުރައްވާ!