ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެ، މަސްވެރިންނަށް ލިބޭ އާމްދަނީ ހިފެހެއްޓުމުގެ ގޮތުން، ކަންނެލީގެ އިތުރުން ަމަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި މިހާރު ވަނީ ކަނޑައެޅިފައެވެ.
"ޑިސެމްބަރު މަހު ރައީސް ވިދާޅުވީ 16 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް މަހުގެ އަގު ހިފަހައްޓަވާނެ ކަމަށް. އޭގެ ފަހުން އަޅުގަނޑުމެންނަށް ޔަގީނުންވެސް 20 ރުފިޔާއަށް ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް. އިއްޔެއާއި އޭގެ ކުރީ ދުވަހުވެސް މިފްކޯއަށް މަސް ގަންނަމުން ދިޔައީ ކިލޯއެއް 21 ރުފިޔާގެ މަގުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަހުގެ އަގު ކަނޑައެޅުމުގެ މިންގަނޑުތަކަށް އަލިއެޅުއްވަމުން ވަޒީރު ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އިތުރުން، މިފްކޯގެ އޮޕަރޭޝަނަލް ޚރަދުތައް ކުޑަކޮށް އެފިޝެންސީ އިތުރުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން، ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ހުރިހާ ފެސިލިޓީތަކުން މަސްވެރިންނަށް ދޫކުރާ ތެޔޮ، އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ހާއްސަ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން، ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތުގައި އަމިއްލަ ކުންފުނިތަކަށްވެސް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ވާދަވެރިކަމުގެ ސަބަބުން އަމިއްލަ ބައެއް ކުންފުނިތަކުން ކިލޯއެއް 21.50 ރުފިޔާއާއި 22 ރުފިޔާއާ ދެމެދުގެ އަގުތަކުގައި މަސް ގަންނަމުންދާއިރު، އޭގެ ސީދާ މާލީ ނަފާ މަސްވެރިންނަށް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބެކްލޮގް އޮތް ނަމަވެސް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.







