
އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ގަވަރނަރު ކެތީ ހޯކުލް، އެ ސިޓީގެ އިސްލާމިކް ކަލްޗަރަލް ސެންޓަރުގެ މިސްކިތަކަށް ޒިޔާރަތްކުރައްވައި، ބޯނިވާކުރައްވައިގެން ހުންނަވައި މުސްލިމް ޖަމާއަތާ މުޚާތަބުކުރެއްވުމާ ގުޅިގެން ސިޔާސީ މަސްރަހުގައި ބޮޑު ބަހުސެއް އުފެދި، އާންމުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.
ހުކުރު ދުވަހު އޭނާ ކުރެއްވި މި ޒިޔާރަތަކީ އިޙްތިރާމް އަދާކުރުމުގެ ނިޔަތުގައި ކުރެއްވި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ މިއީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކުރެއްވި ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.
އިސްލާމިކް ކަލްޗަރަލް ސެންޓަރުން އިންސްޓަގްރާމް މީސް މީޑިއާ އެކައުންޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަވަރނަރު ހޯކުލް ވަނީ މުސްލިމް މުޖުތަމައާއެކު ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެން، މުސައްލީންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ މަރުކަޒުގެ ކްލާސްރޫމްތަކަށް ޒިޔާރަތްކުރައްވައި، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވާލައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ މަރުކަޒުގެ އިސްވެރިން ވަނީ ނިއުޔޯކްގެ އެކި ދީންތަކާއި ނަސްލުތަކުގެ މީހުން ގުޅުވައިދޭ މުހިންމު ބައިވެރިއެއްގެ ގޮތުގައި އެ މަރުކަޒު ބަލައިގަނެ، ގަވަރނަރު ވަގުތު ކޮޅެއް ދެއްވީތީއާއި، ސްޓޭޓްގެ ކޮންމެ ރައްޔިތަކަށް ރައްކާތެރިކަމާއި އިޙްތިރާމް ކަށަވަރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކޮށްފައެވެ.
ނަމަވެސް، ކޮންޒަވޭޓިވް އަދި ސިޔާސީގޮތުން ހަރުކަށި ފިކުރުގެ ފަރާތްތަކުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
- ނޫސްވެރިޔާ އެރިކް ޑޯގަޓީ މިއީ "ބިރުވެރި" މަންޒަރެއްގެ ގޮތުގައި ސިފަކޮށް، އިސްލާމްދީނަކީ ނުރައްކާތެރި ދީނެއް ކަމަށާއި ސެޕްޓެމްބަރު 11 ގެ ހާދިސާ ހަނދާންކޮށްދީ، ނިއުޔޯކްގެ ރައްޔިތުންނަށް ނުރައްކާ ކުރި ފިކުރަކަށް ގަވަރނަރު ތާއީދުކުރައްވާ ކަމަށް ތުހުމަތުކުރިއެވެ.
- އެހެން ފާޑުކިޔުންތެރިން ވަނީ ގަވަރނަރު ހޯކުލް ކްރިސްޓިއަން ފައްޅިތަކަށް ނުވަތަ ޔަހޫދީ ފައްޅިތަކަށް ޒިޔާރަތްކުރައްވާއިރު ބޯނިވާ ނުކުރައްވާކަން ފާހަގަކޮށް، މިއީ ސިޔާސީ ވޯޓު ހޯދުމުގެ ބޭނުމުގައި އަމިއްލަ އުސޫލުތައް ބަދަލުކުރުން ކަމަށް ބުނެފައެވެ.
މި ފާޑުކިޔުންތަކާ ދެކޮޅަށް ގަވަރނަރުގެ ދިފާއުގައި ނުކުތް ފަރާތްތަކުން ވަނީ މިއީ އިސްލާމްދީނާމެދު އޮތް ނަފުރަތެއްގެ ސަބަބުން ކުރެވޭ ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި އަޅުކަންކުރާ ތަންތަނަށް ޒިޔާރަތްކުރާއިރު އެތަނެއްގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ބައިނަލްއަގުވާމީގޮތުންވެސް އަމަލުކުރާ އުސޫލެކެވެ.
އެގޮތުން، އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ ލޯރާ ބުޝް މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުތަކުގައާއި، އިވަންކާ ޓްރަމްޕް އަބޫދާބީގެ ޝައިޚް ޒާއިދު މިސްކިތަށް ކުރެއްވި ޒިޔާރަތުގައި ބޯނިވާކުރެއްވިކަން މީހުން ހަނދާންކޮށްދިނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ރާނީން، ނަސާރާއިންގެ އިސް ފާދިރީއާ ބައްދަލުކުރައްވާއިރު ނުވަތަ އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނަށް ޒިޔާރަތްކުރައްވާއިރު އިޙްތިރާމް އަދާކުރުމުގެ ގޮތުން ބޯނިވާކުރައްވާފައިވާކަން ފާހަގަކޮށް، މުސްލިމުންގެ މިސްކިތަކަށް ޒިޔާރަތްކުރުމުން އެކަނި މިއީ "އަންހެނުންގެ މިނިވަންކަމަށް" އޮތް ނުރައްކަލެއްގެ ގޮތުގައި ދެއްކުމަކީ މުނާފިގު ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.





