26 ވަނަ އެސްސީއޯ ސަމިޓުގައި މޯދީ ހުަހެޅުއްވީ ބައިނަލްއަޤްވާމީ އަމާންކަމާއި އިޤްތިޞާދީ ކުރިއެރުމަށް ތަޞައްވުރެއް

ކިރްގިޒްސްތާނުގެ ބިޝްކެކްގައި ބޭއްވި ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ 26 ވަނަ ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައިނަލްއަޤްވާމީ ސުލްހައާއި އިޤްތިޞާދީ ތަރައްޤީއަށް އަމާޒުކުރައްވައި މުހިންމު ތަޞައްވުރެއް ހުށަހަޅުއްވާފައެވެ. ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ ސަރަޙައްދީ އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ޤައުމުތަކުގެ މެދުގައި އޮތް އެކުވެރިކަން އިތުރުކޮށް، އާންމު ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ފަދަ ޢަމަލީ ނަތީޖާތަކެއް ނެރުމަށް އޭނާ ގޮވާލެއްވިއެވެ.

ކުރިއަށް އޮތް 25 އަހަރަށް އެސްސީއޯގެ މަސައްކަތްތައް ބައްޓަންކުރުމަށް އިންޑިއާއިން ހުށަހެޅި ސިޔާސަތު ބިނާވެފައިވަނީ ރައްކާތެރިކަމާއި، ގުޅުންތައް ބަދަހިކުރުމާއި، އަދި އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމުގެ މައްޗަށެވެ. މީގެ ތެރޭގައި ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައްދުފަހަނައެޅުމާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރުމާއި، ސިޔާސީ މަޝްވަރާތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމުގެ މުހިންމުކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ވިޔަފާރިއާއި ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޑިޕްލޮމެޓިކް މަގު އިޚްތިޔާރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އިންޑިއާއިން ވަކާލާތު ކުރިއެވެ.

މީގެއިތުރުން ވިޔަފާރިއާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރަޙައްދީ ގުޅުންތައް ތަރައްޤީކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ހޯދައިދިނުމަށް އިންޑިއާއިން އިސްނަގާނެކަން މޯދީ ހާމަކުރެއްވިއެވެ.

އެސްސީއޯ ސިވިލައިޒޭޝަން ޑައިލޮގް ފޯރަމް މިއަހަރު ފަހުކޮޅު ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރެއްވިއެވެ. މިއީ ސަރަޙައްދީ ސަގާފީ ގުޅުންތައް ބަދަހިކުރުމުގައި ނިއުދިއްލީން އަދާކުރާ ދައުރު ރަމްޒުކޮށްދޭ ކަމެކެވެ. މި ހުށަހެޅުންތަކަށް ސަމިޓުގައި ބައިވެރިވި ދުނިޔޭގެ ޒައީމުންގެ ތާއީދު ވަނީ ލިބިފައެވެ.

ހިއްސާ ކުރައްވާ!