އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެމެރިކާގެ މީޑިއާ އަދި ސިޔާސީ މައިދާން މެދުވެރިކޮށް ވޮޝިންގޓަންގެ ޚާރިޖީ ސިޔާސަތަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބުނި ބުނުމަށް އީރާނުން ފާޑު ކިޔފިއެވެ. އިސްރާއީލުގެ ޗެނަލް 14 އަށް ދން އިންޓަވިއުއެއްގައި ނެތަންޔާހޫ ވަނީ، އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް ބާރުއެޅުމުގެ ގޮތުން އެމެރިކާގެ ޓީވީ ޗެނަލްތަކުގައި އެކަނިވެސް 1000 އަށްވުރެ ގިނަ ގަޑިއިރު ހޭދަކުރި ކަމަށް ބުނެ ފޮނި ކަނޑާފައެވެ.
ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ މީސް މީޑިއާގައި ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަރާގްޗީ ވިދާޅުވީ ނެތަންޔާހޫ އެ ބުނީ އެމެރިކާގެ ސަރުކާރު ކައްކުވާލައި، އިސްރާއީލުގެ ދިފާއުގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްޓާލެވުނު ކަމަށްޓަކައި ފަޚުރުވެރިވާ ވާހަކަ ކަމަށެވެ. އަދި ނަތަންޔާހޫ ވަނީ އެމެރިކާގެ ވެރިންނާއި ރައްޔިތުންނަށް އޮޅުވާލާފައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފާއިތުވި 40 އަހަރުގެ ތެރޭގައި އެމެރިކާގެ ސްޓްރެޓެޖީ ބަދަލުކޮށް، އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ބާރާ ދެކޮޅަށް ސީދާ ފިޔަވަޅުތަކެއް އަޅަން އެމެރިކާއަށް މަޖުބޫރު ކުރުވުނީ އޭނާގެ ސިޔާސީ އަދި މީޑިއާ ކެމްޕޭނުގެ ސަބަބުން ކަމަށް ނަތަންޔާހޫ ވަނީ އިސްރާއީލުގެ އާންމު އިންތިޚާބާ ދިމާކޮށް ބުނެފައެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އީރާނަށް ދިން ހަމަލާތަކުގެ ފަހަތުގައިވަނީ އޭނާގެ މި ޚާއްސަ ރޭވުންތެރިކަން ކަމަށް ބުނެ ނެތަންޔާހޫ ވަނީ ބައިސާ ކަނޑާފައެވެ.
މި މައްސަލައިގައި އެމެރިކާގެ މީސް މީޑިއާގައިވެސް ބޮޑެތި ޚިލާފުތަކެއް ވަނީ އުފެދިފައެވެ. އެމެރިކާގެ އާންމުންނާއި ނޫސްވެރިން ވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި ބޭރު ގައުމެއްގެ ބޮޑުވަޒީރަކު މިފަދަ ބޮޑު ނުފޫޒެއް ފޯރުވުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ސިޔާސީ ނިންމުންތަކަށް ބޭރުގެ ނުފޫޒު ފޯރާ މިންވަރާމެދު އާންމުންގެ މެދުގައި ބަހުސްތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.






