އީރާނުން މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށާއި އަދި އަވައްޓެރި ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އުރުދުންގައިވާ އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށާއި، ބަހްރޭންގައިވާ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސީދާ ހަމަލާތަކެއް ދީފައެވެ.
އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އުރުދުންގެ ކިންގް ހަސަން އެއާބޭސްގައިވާ ދުރުރާސްތާ ޑްރޯންތައް ބަހައްޓާފައިވާ އޮފީސްތަކަށާއި، އަގަބާ ކައިރީގައިވާ އެމެރިކާގެ މެރިން ސިފައިންގެ މަރުކަޒަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެ، ހެލިކޮޕްޓަރުތަކާއި އަދި މުހިންމު ވަސީލަތްތަކެއް ހަލާކުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. މީގެ އިތުރުން ބަހްރޭންގެ ޝެއިޚް އީސާ އެއާބޭސްގައިވާ އެމެރިކާ ސިފައިންގެ ރޭޑާރު ސިސްޓަމްތަކަށާއި ސިފައިން އެއްވެ ތިބޭ ސަރަހައްދުތަކަށްވެސް ޑްރޯން ހަމަލާތައް ދީފައިވާ ކަމަށް އީރާނުގެ ސިފައިން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާތައް ދޭން ފެށީ އީރާނުގެ ދެކުނުގެ ހޯރުމުޒްގާން މާކެޓް ސަރަހައްދުގެ ސީރިކްގައި އޮތް ކައިވެނި ހަފްލާއަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި އާންމުންގެ 5 މީހުން މަރުވެ، 68 މީހުން ޒަޚަމްވުމާ ގުޅިގެން ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، ކައިވެނި ހަފްލާއަކަށް ދެވުނު މި ނުރައްކާތެރި ހަމަލާއަކީ އެމެރިކާއިން އީރާނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތެރެއަށް އިތުރުވި އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި އީރާނުގެ ގައުމީ ސެކިއުރިޓީ ކޮމިޓީގެ ރައީސް އިބްރާހީމް އަޒީޒީ ވިދާޅުވީ، މިއީ އެމެރިކާއިން ހިންގި ބަދަލުހިފުމުގެ އަމަލެއް ކަމަށާއި، މި ކަމުގެ ސަބަބުން އެމެރިކާ ހިތާމަކުރަންޖެހޭނެ ކަމަށެވެ.
މި މަސްރަހު ގޯސްވުމާ ގުޅިގެން ކުވޭތުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ އެ ގައުމަށް އަމާޒުވި މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމުގެ މަސައްކަތް ފަށާފައެވެ. ކުވޭތުގެ ސިފައިން ނެރުނު ބަޔާނެއްގައި ވަނީ، އިވިގެންދާ ގޮވާ އަޑުތަކަކީ ވައިގެ ދިފާއީ ނިޒާމުން ހަމަލާތައް ނާކާމިޔާބުކޮށްލުމުގެ ސަބަބުން އިވޭ އަޑުތަކެއް ކަމަށާއި، ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިފައިން ތައްޔާރަށް ތިބި ކަމަށެވެ.
އީރާނުގެ ރެވޮލިއުޝަނަރީ ގާޑްސްގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ވިދާޅުވީ، އީރާނަށް ހަމަލާދިނުމަށް އެކުވެރި އެއްވެސް ގައުމެއްގެ ބިން ބޭނުންކޮށްފިނަމަ، ރައްދު ދޭނެ ކަމަށެވެ.





