ޔުކްރޭން-ރަޝިޔާ ހަނގުރާމައިގެ މައިދާން މުޅިން ބަދަލުވެ، ރަޝިޔާގެ އެތެރޭގެ ފުނަށް ޔުކްރޭނުން ދޭ ޑްރޯން ހަމަލާތައް އިތުރުވަމުންދާތީ، ރަޝިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރާ އާންމު އެއާލައިންތަކަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށް ވިދާޅުވެ ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިންޒާރެއް ދެއްވައިފިއެވެ.
ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚާއްސަ ތަގުރީރުގައި ޒެލެންސްކީ ވަނީ ރަޝިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރާ އެއާލައިންތަކަށާއި، އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ރަޝިޔާގެ މައި އެއާޕޯޓްތަކަށް ޔުކްރޭނުގެ ޑްރޯންތަކުގެ ޚާއްސަ ނުރައްކާ ކުރިމަތިވަމުންދާކަން ހާމަކުރައްވާފައެވެ.
"ރަޝިޔާގެ ވައިގެ ސަރަހައްދަކީ މިހާރު މުޅިން ނުރައްކާތެރި ތަނަކަށް ވަނީ ބަދަލުވެފައި،" ޒެލެންސްކީ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޔުކްރޭނުގެ އަމާޒަކީ އާންމު ދަތުރުފަތުރަށް ނުރައްކާކުރުން ނޫން ކަމަށްވިޔަސް، ރަޝިޔާގެ އުޑުމަތީގައި ޔުކްރޭނުގެ ޑްރޯންތައް ހަރަކާތްތެރިވަމުންދާނެތީ އެކަމަށް ސަމާލުވާންޖެހޭނެއެވެ.
ޔުކްރޭނުން ދަނީ ރަޝިޔާގެ ބޯޑަރު ސަރަހައްދުތައް ފަހަނައަޅައި، އެ ގައުމުގެ އެތެރޭގައިވާ ކާރުޚާނާތަކަށާއި ތެޔޮ ސާފުކުރާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަކުރަމުންނެވެ. ވައިގެ ދަތުރުފަތުރުގެ ނުރައްކާތައް ދިރާސާކުރާ 'އޮސްޕްރީ ފްލައިޓް ސޮލިއުޝަންސް' އިން ބުނެފައިވާ ގޮތުގައި، މޮސްކޯއާއި ސެއިންޓް ޕީޓަރސްބާގް ހިމެނޭހެން ރަޝިޔާގެ ތެރެއަށް ޔުކްރޭނުން ދޭ ހަމަލާތައް ކުރިއަށްއޮތް ތަނުގައި އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އެ އިދާރާއިން ފާހަގަކުރި ގޮތުގައި، ޔުކްރޭނުގެ ޑްރޯންތަކަށް ރައްދުދިނުމުގެ ގޮތުން ރަޝިޔާގެ ސިފައިންގެ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކުރާ ވަގުތުތަކުގައި، އޮޅިގެން އާންމު މަތިންދާބޯޓުތަކަށް ހަމަލާދެވިދާނެ ކަމުގެ ބޮޑު ނުރައްކަލެއް އޮތެވެ.
އެމެރިކާއާއި ވިލާތުގެ ގައުމުތަކުގެ އެއާލައިންތަކުން ރަޝިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓާލާފައިވީ ނަމަވެސް، ޗައިނާ، ތުރުކީ، އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ އެއާލައިންތަކުން ދަނީ އަދިވެސް ރަޝިޔާގެ މަގުތައް ބޭނުންކުރަމުންނެވެ.
ކުރީގެ ހަނގުރާމަތަކުގައި ވައިގެ ދިފާއީ ނިޒާމުތަކުގެ ސަބަބުން އާންމު މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ތާރީޚުން އެނގެއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރަޝިޔާގެ ސިފައިން ޔުކްރޭނުގެ ޑްރޯންތަކަށް ރައްދުދެމުންދިޔަ ވަގުތެއްގައި، އަޒަރުބައިޖާން އެއާލައިންސްގެ ބޯޓެއް ކަޒަކިސްތާނުގެ އަކްތާއު ކައިރިއަށް ވެއްޓި 38 މީހުން މަރުވިއެވެ. ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ފަހުން ވަނީ އެ ބޯޓު ކައިރިއަށް ރަޝިޔާގެ ދެ މިސައިލް ގޮވާފައިވާކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
މީގެ އިތުރުން 2014 ވަނަ އަހަރު ޔުކްރޭނުގެ އިރުމަތީ ސަރަހައްދުން ދަތުރުކުރި މެލޭޝިއާ އެއާލައިންސްގެ އެމްއެޗް17 ބޯޓަށް ހަމަލާދީ ވައްޓާލުމުގެ ސަބަބުން 298 މީހުން މަރުވިއިރު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގެ ސިފައިންގެ އޮޅުމަކުން ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއް ވައްޓާލައި 176 މީހުން ވަނީ މަރުވެފައެވެ.






