މޮދީ އީރާނާގެ ރައީސާ ބައްދަލު ކުރެއްވުމުން އެމެރިކާއިން އިންޒާރު ދީފި!

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ނުވަތަ އެ ގައުމަށް އާމްދަނީ ހޯދައިދޭން އެއްވެސް ގައުމަކުން އެހީތެރިވެދީފިނަމަ، އެ ގައުމަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ދެއްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ބިޝްކެކްގައި ބޭއްވި 'ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން' (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބައްދަލުކުރެއްވުމާ ގުޅިގެން، "ދަ ބްރަޔަން ކިލްމީޑް ޝޯ" އަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވީ، އިންޑިއާއާއި އީރާނާ ދެމެދު އާ ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރެވެމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކޮންމެ ގައުމަކަށްވެސް އަމިއްލަ ހާރިޖީ ސިޔާސަތު ބައްޓަންކުރުމާއި ތެހެރާނާއެކު ގުޅުން ބޭއްވުމުގެ ހައްގު އޮތްކަން އޭނާ ގަބޫލުކުރެއްވިއެވެ.

"އެކަމަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި. އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން އެއްވެސް ގައުމަކުން އެހީތެރިވެގެން ނުވާނެ. ހަމަނުޖެހުން އުފެއްދުމަށް ޚަރަދުކުރުމަށާއި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އީރާނުން ބޭނުންކުރާނެ ފައިސާ ހޯދޭނެ މަގުތައް ފަހިކޮށްދީގެން ނުވާނެ. އެފަދަ ކަމެއް ކުރަން ގައުމަކުން ނިންމައިފިނަމަ، އަހަރެމެންޖެހޭނީ އެ ގައުމަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން،" ރޫބިއޯ ވިދާޅުވިއެވެ.

މި އިންޒާރު އައިސްފައިވަނީ ޓްރަމްޕްގެ އިދާރާއިން އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އިގްތިސާދީ ފިއްތުންތައް ވަރުގަދަކޮށް، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އީރާނުގެ އިގްތިސާދީ ވަސީލަތްތައް ބަންދުކުރުމުގެ ހާއްސަ ކެމްޕޭނެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ބިޝްކެކްގައި ބޭއްވި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ އާއި ރައީސް ޕެޒެޝްކިއަން ވަނީ ދެ ގައުމުގެ ދެމެދުގައިވާ ދިގު މުއްދަތުގެ ގުޅުން ވަރުގަދަކޮށް، ވިޔަފާރި ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މެދުއިރުމަތީގެ މަސްރަހާއި، ހުރުމުޒު ކަނޑުއޮޅި ހިމެނޭހެން ކަނޑުމަގުން ކުރާ ވިޔަފާރި އުޅަނދުފަހަރާއި ކަލާސީންނާއި މާލީމީންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްރަހު ހޫނުވަމުންދާތީ މޯދީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި، ކޮންމެ މައްސަލައެއްވެސް ހައްލުކުރަންވާނީ މަޝްވަރާއާއި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކަމަށް އިންޑިއާއިން ދެކޭ ދެކެން ތަކުރާރުކުރެއްވި ކަމަށެވެ. އަދި އާންމުންނާއި އާންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން ވިޔަފާރި ނައުތަކަށް ހަމަލާދީގެން ނުވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އީރާނުގެ ރައީސް ޕެޒެޝްކިއަން ވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އިންޑިއާގެ ޑިޕްލޮމެޓިކް ބާރުގެ ބޭނުންކުރުމަށް މޯދީގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެމެރިކާއިން ޑިޕްލޮމެސީގެ މަގު ދޫކޮށްލައި، ޓެރަރިޒަމާއި ހަނގުރާމަ ހިންގުމުގެ މަގު އިޚްތިޔާރުކޮށްފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ވޮޝިންޓަނަށް ފާޑުވިދާޅުވެފައެވެ.

އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ގޭންގު އުސޫލުން ހިންގާ އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި އެފަދަ ފިއްތުންތަކަށް އީރާނުން ބޯލަނބާ ނުލާނެ ކަމަށާއި، ވިޔަފާރި ބައިވެރިންނާއެކު އޮތް ގުޅުންތައް ކަނޑާނުލެވޭނެ ކަމަށް ތެހެރާނުން ބުނެއެވެ.

ހިއްސާ ކުރައްވާ!