އިންޑިއާއިން ޖިއޯސިންކްރަނަސް އޯބިޓްގައި އަމަލުކުރާ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އިމޭޖިންގ ސެޓެލައިޓް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ.

އިންޑިއާގެ ޖައްވީ އިދާރާ، އިސްރޯއިން ވަނީ އެ ޤައުމުގެ ފުރަތަމަ ޖިއޯސިންކްރަނަސް އޯބިޓް އިމޭޖިންގ ސެޓެލައިޓް، އީއޯއެސް-05 ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލާފައެވެ. މި މިޝަން ކާމިޔާބުކުރީ ޖީއެސްއެލްވީ-އެފް17 ރޮކެޓު ބޭނުންކޮށްގެންނެވެ.

51.7 މީޓަރުގެ އުސްމިން ހުރި މި ރޮކެޓު ޖައްވަށް ފޮނުވާލާފައިވަނީ ސްރީހަރިކޯޓާގެ ލޯންޗިންގް ޕެޑުން ފަތިހު 2:55 ގައިކަމަށް އިސްރޯއިން ހާމަކޮށްފައިވެއެވެ. 2،367 ކިލޯގްރާމުގެ ބަރުދަން ހުރި ބިން ބަލާ މި ސެޓެލައިޓް، އެންމެ ރަނގަޅު ޓްރާންސްފަރ އޯބިޓަށް ވަނީ ސީދާކޮށް ވައްދާފައެވެ.

މިއީ ޖީއެސްއެލްވީގެ 19 ވަނަ ފްލައިޓް ކަމަށްވާއިރު، މިއީ ސްރީހަރިކޯޓާއިން ފޮނުވާލި 107 ވަނަ ލޯންޗެވެ. މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްރޯގެ ޗެއާމަން ވީ ނާރަޔަނަން ވިދާޅުވީ، މި މިޝަން ކަނޑައެޅި އޯބިޓަށް ވަރަށް ފުރިހަމައަށް ސެޓެލައިޓް ވާސިލު ވެފައިވާ ކަމަށެވެ. އަދި އީއޯއެސް-05 ސެޓެލައިޓް މިހާރު ހުރި އޯބިޓުން ފައިނަލް އޯބިޓަށް ގެންދާނީ އޭގައި ހަރުކޮށްފައިވާ ތުރަސްޓަރު މެދުވެރިކޮށް ކުރިއަށްގެންދާ ހަރަކާތްތަކަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިސްރޯގެ ޗެއާމަން އިތުރަށް ވިދާޅުވީ މި ފަހަރުގެ ލޯންޗުގައި ޖީއެސްއެލްވީ ރޮކެޓުގެ ޕާފޯމަންސް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށާއި، މިއީ މިހާތަނަށް އެ ރޮކެޓަކަށް އެންމެ ބަރު ބަރުދަނެއް (2،367 ކިލޯގްރާމް) ހިފައިގެން ޖައްވަށް އެރި ފުރަތަމަ ފަހަރު ކަމަށެވެ. މި ސެޓެލައިޓްގެ ސަބަބުން ޖިއޯސިންކްރަނަސް އޯބިޓުން ބިމާބެހޭ މުހިންމު އަދި ސްޓްރެޓީޖީ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް އިސްރޯއިން ބުނެއެވެ.

މި ކާމިޔާބީއާއެކު އިންޑިއާގެ ޖައްވީ ދަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް މިފަދަ އިތުރު ޕްރޮޖެކްޓްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ހިއްސާ ކުރައްވާ!