ޔުކްރޭންގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް ރަޝިޔާއިން ޑްރޯން ހަމަލާއެއް ދީފި

ޔުކްރޭންގެ ވެރިރަށް ކިއޭވްގެ މެދުތެރޭގައި ހުންނަ އެ ޤައުމުގެ ޖާސޫސީ ސަލާމަތީ ޚިދުމަތް، އެސްބީޔޫ ގެ މައި މަރުކަޒަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކަތަކުގެ ލިސްޓުގައި ހިމެނޭ ސެންޓްރަ ހިސްތަރިކް ކެތީޑްރަލް ކައިރީގައި ހުންނަ މި އިމާރާތަށް އަމާޒުކޮށް ދިން މި ހަމަލާއާ ގުޅިގެން ކަޅު ދުމުގެ އަސަރު ވަނީ މުޅި ސަރަޙައްދަށް ފެތުރިފަވެއެވެ.

ޔުކްރޭންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، އެސްބީޔޫގެ މައި އިމާރާތަށް ރަޝިޔާގެ ޑްރޯން ހަމަލާ އެއް އަރާފައިވާ ކަމަށެވެ. އަދި މި ޙަމަލާއާ ގުޅިގެން އެކަށީގެންވާ ވަރުގަދަ ރައްދެއް ދިނުމަށް ސިފައިންނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަމަލާގައި މަދުވެގެން ނުވަ މީހަކަށް އަނިޔާވެފައިވާ ކަމަށް ކިއޭވްގެ މޭޔަރ ވިޓަލީ ކްލިޗްކޯ ވަނީ ވިދާޅުވެފައެވެ.

ހަމަލާދިން ސަރަޙައްދު ވަގުތުން ފުލުހުން ބަންދުކޮށްފައިވާއިރު، އެ ސަރަހައްދުގައި އެމްބިއުލާންސާއި ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މަރުކަޒާ ކައިރީގައި ހުރި ކެފޭއެއްގެ ވެރިޔާ ޒަވާޓައިލޯ ބުނިގޮތުގައި، ޙަމަލާގެ ބާރުގަދަ ގޮވުމާއެކު ކެފޭގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ކަސްޓަމަރަކަށް ވަނީ އަނިޔާވެފެވެ. އަދި ނުރައްކާތެރި އިތުރު ޙަމަލާއެއް އަތުވެދާނެ ކަމަށް ބަލައި މުވައްޒަފުންނާއި ކަސްޓަމަރުން ވަނީ ބިންގުއަޑީގެ ރައްކާތެރި ތަނަކަށް ވަދެފައެވެ.

މި ޙަމަލާއަކީ ބޮޑު ނުރައްކަލެއް ކަމަށާއި، މިފަދަ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ރަޝިޔާގެ ސަރުކާރަށް ފިއްތުންތައް އިތުރުކުރަންޖެހޭނެ ކަމަށް ޔުކްރޭންގެ ޚާރިޖީ ވަޒީރު އަންދްރީ ސިބިހާ ވިދާޅުވިއެވެ. ޔުކްރޭންގެ ވެރިރަށަށް ދުވާލުގެ ވަގުތެއްގައި ސަރުކާރުގެ މައި އިމާރާތަކަށް މިފަދަ ހަމަލާއެއް އައުމަކީ މަދުން ނޫނީ ނުފެންނަ ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނަރ ކިއޭވްއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހާ ދިމާކޮށެވެ.

ރަޝިޔާއިން ޒަމާނީ ޖެޓް ޑްރޯން ބޭނުންކޮށްގެން ދެމުންދާ މިފަދަ ޙަމަލާތަކާ ގުޅިގެން ޔުކްރޭންގެ ވައިގެ ދިފާޢީ ނިޒާމުތައް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފައެވެ.

ހިއްސާ ކުރައްވާ!