ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމުގެ ފްރޭމްވޯކެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މާލީ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ އިޤުތިސާދީ ދާއިރާ ހަރުދަނާކޮށް، ޒަރޫރީ މުދާ ގެނައުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލެވުނު މުހިންމު ފިޔަވަޅެކެވެ.

މިއެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ކުރިން ހަކަތައިގެ ދާއިރާއަށް އެކަނި އަމާޒުވެފައި އޮތް އައިޓީއެފްސީގެ އެހީތެރިކަން މިހާރުވަނީ އިޤުތިސާދީ އަދި އިޖުތިމާއީ ގިނަ ދާއިރާތަކަކަށް ފުޅާވެފައެވެ. ޚާއްސަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދެމުންދާ ފެސިލީޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މުހިންމު ކާބޯތަކެއްޗާއި ތެޔޮ މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެފައިވާކަން ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ މުއްދަތު ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2031 ވަނަ އަހަރުގެ ނިޔަލަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ގަވަރުނަރު ޙަސަން ޒަރީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ އިންޖިނިއަރ އަދީބު ޔޫސުފް އަލްއާމާއެވެ.

މި ފްރޭމްވޯކްގެ ދަށުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓްކުރުމަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، މަސްވެރިކަމާއި ރާއްޖެއިން ބޭރުކުރާ އެހެނިހެން މުދަލުގެ ވިޔަފާރި ފުޅާކުރުމަށް ޚާއްސަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޓްރޭޑް ފައިނޭންސިންގ ފެސިލިޓީތައް ހޯދުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ތަނަވަސްވެގެންދާނެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށާއި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އައިޓީއެފްސީގެ ސްޓްރެޓެޖީ އެހީތެރިކަން ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް މާލީ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރ އަދީބު އަލްއާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު އަދި އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ފަރާތުގެ އިޤުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ވަނީ ފުޅު ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އައިޑީބީ ގްރޫޕަށް ނިސްބަތްވާ އައިޓީއެފްސީން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއަށް ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މި އާ އެއްބަސްވުމާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އިޤުތިސާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މާލީ މާހިރުން ލަފާކުރައްވައެވެ.

ހިއްސާ ކުރައްވާ!