ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު 13:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދަ އިސްލާޙު ކުރުމަށާއި ދީނީ ކަންކަން ކުރިއަރުވައި ތާއީދު ހޯދުމަށާއި ދައުލަތުގެ މާލީ އޮނިގަނޑަށާއި ޚިދުމަތްދޭ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް އިއުލާނުކުރައްވައިފިއެވެ. ރާއްޖޭގެ ތާރީޚުގައި ވެރިން މުހިއްމު ނިންމެވުންތައް ނިންމެވުމަށް ބޭނުންކުރެއްވި މޭޒުކޮޅު ކައިރީގައި އިންނަވައި ދެއްކެވި މި ވާހަކަފުޅުގައި، ގައުމީ ފެންވަރުގެ 10 މައިގަނޑު ކަމަކަށް އަލިއަޅުއްވާލައްވައި ތަފުސީލު ދެއްވިއެވެ.
ދިވެހި ވެރިކަމުގެ ތާރީޚާއި މޭޒުކޮޅުގެ ރަމްޒު
- ރިއާސީ މޭޒުކޮޅާ ގުޅިގެން މީޑިއާގައި ވާހަކަ ދައްކާފައި ވަނިކޮށް ރައީސް މިއަދު ވަނީ ރިއާސީ މޭޒުކޮޅު ބޭނުން ކުރައްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ރައީސް އޮފީހުގެ ތާރީޚީ މޭޒުކޮޅު ކައިރީގައެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދާއި، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ބޭނުންކުރެއްވި މި މޭޒުކޮޅުމިއަދު ދައްކާލެވުނެވެ.
ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް ނެގުން
- އިސްރާއީލަށް ތާއީދު ކުރާ ބަހުރައިންގެ ބަޓެލްކޯއަށް ބޮޑު ހިއްސާއެއް ވިއްކާފައިވާ ކުރިން ރާއްޖޭގެ ގައުމީ މުވާސަލާތީ ކުންފުނި ދިރާގުގެ މެޖޯރިޓީ ހިއްސާއާއި އެމްޑަބްލިއުއެސްސީގެ ފުރިހަމަ ބާރުވެރިކަން ސަރުކާރަށް ހޯދުމުގެ މަސައްކަތް ފެށުމަށް ކެބިނެޓުން ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ. މިގެ އިތުތުން ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމާއި، އެމްޑަބްލިއުއެސްސީގެ ބޭރު ކުންފުންޏެއްގެ އަތުގައި އޮތް 20 އިންސައްތައިގެ ހިއްސާ ގަނެ، އެ ކުންފުންޏަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
އާރުޑީސީއާއި ފެނަކަ އުވައިލައި ޚިދުމަތްތައް ބަދަލުކުރުން
- ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވައިލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއަށް ބަދަލުކުރަން ނިންމާފައިވެއެވެ. މި ދެކުންފުންޏަކީވެސް އެއްވައްތަރެއްގެ މަސައްކަތްތައް ކުރާ ދެކުންފުނިއެވެ. މިއީ ސިޔާސީ ލީޑަރުންނަށް އަތްގާތްކޮށްދޭ އައުވާނުންނަށް ވަޒީފާ ދިނުމަށް ހަދާފައިވާ ތަންތަނެވެ. އަދި ފެނަކަ ކޯޕަރޭޝަން އުވައިލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ދިނުން ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެކަންވެސް ރައީސ ްމއިަދު އިއުލާން ކުރެއްވިއެވެ.
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީއަކަށް ހެދުން
- ފުޑް ސެކިއުރިޓީގެ އަމާޒަށް ވާސިލުވުމަށާއި މަސްވެރިކަމާއި ދަނޑުވެރިކަން އެކުގައި ކުރިއަށް ގެންދިއުމަށްޓަކައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ.
އާސަންދައިގެ ނިޒާމަށް ގެންނަ މުހިއްމު ބަދަލު
- އާމްދަނީގެ ގޮތުން މަހަކު 60,000 ރުފިޔާއަށްވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، މުއްސަނދިންނަށް ހުރިހާ ކަމެއް ހިލޭ ލިބެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
- ރައްޔިތުންގެ ގިނަ ބަޔަކު ޚިޔާލު ފާޅު ކުރަމުންދާ މައްސަލައަށް މިއިން ޖަވާބެއް ނުލިބެއެވެ. މަޖިލިސް މެމްބަރުންނާއި މަޖިލިސްގެ ގޮނޑި ކުރިން ފަޅުފިލުވާފައިވާ މެމްބަރުންނަކީ ރައްޔިތުންގެ ފައިސާއިން ބޭސްފަރުވާއަށް ބޮޑު ބައެއް ނިިގުޅައިގަންނަ ބައެކެވެ. މިމީހުންނަށް ހަދާ ގޮތެއް ސާފުވާން ޖެހެއެވެ!
ކޮންމެ ދިވެއްސަކީ ރިސޯޓެއްގެ ހިއްސާދާރަކަށް ހެދުން
- ޑޮލަރު އާންމު ރައްޔިތުންނާ ހަމައަށް ނުފޯރާ ގޮތަށް ކަންކަން ބައްޓަން ކޮށްފައިވާ މި ދަނޑިވަޅުގައި އަނެއއްކާވެސް އާންމު މީހާއާ އަހަށް ޑޮލަރު ފޯރާނެ ކަމުގެ ދަޅައެއް ރައިސް މި ވަނީ ދައްކަވާފައެވެ. ސަރުކާރުން އަލަށް ހަދާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހަމަޖައްސައި، އަންނަ ނޮވެމްބަރު މަހު އެ މަޝްރޫއުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ކޮންމެ ދިވެހި ރައްޔިތަކީވެސް ރިސޯޓު ހިއްސާދާރަކަށްވެ، އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވެގެންދާނެ ކަމުގެ އިޝާރާތެއް ދެއްވިއެވެ. ސުއާލަކީ ރައިސްގެ ސިޔާސަތުގެ ދަށުން ޑޮލަރުން މުއާމަލާތު ކުރުން ހުއްޓާލާއިރު ވެސް ދިވެހި މީހާއަށް މިފައިސާ ޑޮލަރުން ލިބޭނެ ހެއްޔެވެ؟
ޝަރުއީ ދާއިރާގެ މަދަނީ އަދުލުގެ ނިޒާމަށް ގެންނަ އިސްލާހުތައް
- މަދަނީ އަދުލުގެ ނިޒާމު ހަލުއިކުރުމަށްޓަކައި 100,000 ރުފިޔާއަށްވުރެ ކުދި މައްސަލަތައް އަވަހަށް ނިންމުމަށް 'ސްމޯލް ކްލެއިމްސް ކޯޓެއް' އުފެއްދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އަދި ވިޔަފާރި މައްސަލަތައް އަވަސްކުރުމަށް ސިވިލް ކޯޓުގައި ޚާއްސަ ޔުނިޓެއް ނުވަތަ ކޯޓެއް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ފެއްޓެވި މަސައްކަތަށް އަލުން ސިފަ ޖެހިގެންދާނެ ކަމެކެވެ!
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އަލުން ފެށުން
- އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ލަސްވުމަށް ދިމާވި މައްސަލަތައް ހައްލުކޮށް، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދީނީ އަދި އިޖުތިމާއީ ބޮޑެތި މަޝްރޫއުތައް
- ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށް، ހުޅުމާލޭގައި ރާއްޖޭގެ އެންމެ ބޮޑު މިސްކުތުގެ ބިންގާ ސެޕްޓެންބަރު 13 ގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުރިހާ ރަށެއްގެ މައި މަގުތަކާއި އާންމު ތަންތަނުގައި ޛިކުރާއި ނަސޭހަތުގެ ބޯޑުތައް ހަރުކުރުމުގެ އެއް އަހަރު ދުވަހުގެ މަޝްރޫއެއް އެ ދުވަހު ފަށާނެއެވެ. މިއީ ރައީސް ސިޓީކައުންސިލްގައި ހުންނަވައިގެންވެސް ކުރިއަށް ގެންދެވި މަސައްކަތެއްގެ ކޮޕީއެކެވެ. ދީނީ ޝިއާރުތައް ނަގަހައްޓައި އިސްލާމީ ވަންތަކަން އަށަގެންނެވުމަށް މަންޒަރަށް ވުރެން ޖައުހަރަށް މަސައްކަތް ކުރަން ޖެހިފައިވާކަން ސުރުޚީތަކަށް ބަލާލުމުން އެނގެއެވެ. ކުޑަކުދިންގެ އިއްފަތްތެރިކަން ފޭރިގަތުމާއި ޝަހުވާނީ ކަންކަން ފާޅުގައި ކުރަމުން ދާކަންކަމުގެ ރިޕޯޓަކީ މުޖުތަމައުގެ މޫނުބަލާ ލޯގަނޑެކެވެ!
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު
- މުޖުތަމައުގައި އިސްލާމީ ރިވެތި އަހުލާގާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ އާދަތައް ދިރުވުމަށް ފަށާ ފަސް އަހަރުގެ ގައުމީ މަޝްރޫއުގައި ބައިވެރިވުމަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް، އެފަރާތްތަކުން އެކަމަށް ދެކޮޅު ހަދާފައިވާތީ ރައީސް ހިތާމަފާޅުކުރެއްވިއެވެ.
- "އަޅުގަނޑުމެން މިކަމުގައި ހުރިހާ ފަރާތްތަކާ މަޝްވަރާކުރަން ކުރި މަސައްކަތުން އިޖާބައެއް ނުދިން އިދިކޮޅު ސިޔާސީ ޕާޓީތަކުން، ދައުވަތު ދިނިން، މިއީ އެންމެގެ ވެސް ކަމެއް، މުޖުތަމައުގައި އިހުތިރާމު އަދާކުރުން މިއީ އެންމެން ވެސް ބޭނުންވާނެ ކަމެއް، އެހެންނަމަވެސް ސިޔާސީ އެއްވެސް އިދިކޮޅު ޕާޓީއަކުން މިއަކު ބައިވެރިއެއް ނުވި، ދެކޮޅު ހަދަނީ، އެއީ ޒިންމާދާރު ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
- ރައީސް މިހެން ވިދާޅުވާއިރު ރައީސްގެ ޕާޓީގެ ޖަލްސާއެއް ބަލާލައިފިނަމަވެސް އިހުތިރާމް ކުރުމާއި ގައުމީވަންތަކަން ލޫދާލާތަން އަދި ޣީބަ ބުނުމާއި ބަހުގެ ހަމަލަތައް ދީ އަގު ވައްޓާލާތަން ވަރަށް ސާފުކޮށް ފެންނާނެއެވެ. ބޭނުން ވަނީ ބަހާއި އަމަލުން ކަންކަން ދައްކައި އިޚުލާސްތެރިކަމެކެވެ. މަންޒަރެއް ނޫނެވެ!







