ޗައިނާއިން ރަޝިޔާގެ ޑްރޯން އުފެއްދުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދޭ

އެތައް ސަތޭކަ ގޮވާ ޑްރޯން އުފެއްދުމަށް ބޭނުންވާ ސާމާނު ރަޝިޔާއަށް ފޯރުކޮށްދިނުމުގައި ޗައިނާގެ ދައުލަތުގެ ކުންފުންޏަކުން ބައިވެރިވެފައިވާކަން ރަޝިޔާގެ އެތެރޭގެ ޝިޕިން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ. ޕޮލިޓިކޯއިން ހޯދައި ހުޅަނގުގެ ސަރުކާރުތަކުން އިވެލުއޭޓްކޮށްފައިވާ މި ރެކޯޑްތަކުން ދައްކާ ގޮތުގައި، ޗައިނާގެ ދައުލަތުގެ ފަރާތްތަކުން ވަނީ ކްރެމްލިންގެ އަސްކަރީ ސިނާއީ ޤާބިލުކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރަޝިޔާގެ ޝިޕިންގ މެނިފެސްޓްތަކުން ދައްކާ ގޮތުގައި، ޗައިނާގެ ޖަމިއްޔާއަކުން ވަނީ ފޮރުވައިގެން، ރަޝިޔާގެ ރޮޒާޓޮމްގެ ސަބްސިޑަރީ ކުންފުންޏަކަށް މި އަހަރުގެ ކުރީކޮޅު 46 ޓަނުގެ ކާބަން ފައިބަރ ޑެލިވަރީކޮށްފައެވެ. މިއީ ދުރު ރާސްތާއަށް ފޮނުވާ ގޮވާ ޑްރޯންތަކުގެ އަސާސީ ބައިތައް އުފެއްދުމަށް ބޭނުންވާ މުހިންމު މެޓީރިއަލްއެކެވެ.

ރަޝިޔާ ސިފައިން އޮގަސްޓް މަހު ޔުކްރޭންގެ މެދުތެރޭގެ ސަރަޙައްދަކަށް ދިން ހަމަލާއެއްގައި މަދުވެގެން 16 މީހުން މަރުވެފައިވާއިރު، އެފަދަ ހަމަލާތަކުގައި ބޭނުންކޮޯށްފައިވާ ތަކެތި ފޯރުކޮށްދިނުމުގައި މިފަދަ ނެޓްވޯކްތަކުގެ ދައުރު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޮޝިންޓަންގައި ހުންނަ އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީގެ ރައީސް ޑޭވިޑް އޮލްބްރައިޓް ޕޮލިޓިކޯ މަޖައްލާއަށް ވިދާޅުވީ، މި ތަފްސީލުތަކުގެ ސަބަބުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ޗައިނާގެ ޑްރޯން ޓެކްނޮލޮޖީ ސަޕްލައިކޮށްދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ލިބިގެންދާ ކަމަށެވެ.

ޔުކްރޭންގެ ސެކިއުރިޓީ މަސްދަރުތަކުން ހާމަކޮށްފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ޗައިނާގެ ދައުލަތުގެ ކޮންޓްރޯލް އޮންނަ ކޯޕަރޭޝަންތަކުން ދަނީ ރަޝިޔާގެ ހަތިޔާރު އުފެއްދުމުގެ ދާއިރާއަށް ބޭނުންވާ ރޯ މެޓީރިއަލް ސަޕްލައި ކޮށްދިނުމުގެ ޓްވޯކްތަކުގައި ޙަރަކާތްތެރިވަމުންނެވެ.

ޕޮލިޓިކޯއިން ރިވިއުކުރި ލިޔެކިޔުންތަކުން ފާހަގަ ވެފައިވާ ގޮތުގައި ޗައިނާގެ ސަޕްލައި ދަތުރުފަތުރުތަކުގައި 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ މުދާ ސަޕްލައި ކޮށްދީފައި ވެއެވެ.

އެ ތަކެތި ލޭބަލް ކޮށްފައި ވަނީ އޮޅުވާލުމުގެ ގޮތުން ސިވިލް ސިންތެޓިކް ފައިބަރުގެ ގޮތުގައެވެ.

ޕޮލިޓިކޯއިން ތަޙުލީލުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގެ ޖިލިން ކެމިކަލް ފައިބަރ ގްރޫޕުން ވެސް ވަނީ ރަޝިޔާގެ ތާތާރިސްތާން ސަރަޙައްދުގައި ހުންނަ އަލަބޫގާ-ވޮލޮކްނޯ ފެސިލިޓީއަށް އަސްކަރީ ސާމާނު އުފެއްދުމަށް ބޭނުންވާ ސާމނު ގެންގޮސްދީފައެވެ. މިއީ އިންސާނުން ނެތް ވައިގެ ނިޒާމުތަކަށް ބޭނުންވާ ހައި ގްރޭޑް ކާބަން-ފައިބަރު އުފައްދާ ތަނެކެވެ.

ޕޮލިޓިކޯއިން ލަފާ ކޮށްފައިވާ ގޮތުގައި ޖިލިން ކުންފުނިން ހޯދި ތަކެތީގެ މިންވަރަކީ ގާތްގަނޑަކަށް 1،300 ގޮވާ ޑްރޯން އަށް ބޭނުންވާ ސްޓްރަކްޗަރަލް ފްރޭމްވޯކްތަކާއި ފިއުލް ޓޭންކް އުފެއްދުމަށް ފުދޭވަރުގެ މިންވަރެކެވެ.

ހިއްސާ ކުރައްވާ!