އިންޑިއާ ދަރިކޮޅުގެ މީހުންނަށް ފުރައްސާރަ ކުރި މައްސަލަ ސިންގަޕޫރުން ބަލަން ފަށައިފި

މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި އިންޑިއާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް "ނަސްލީގޮތުން ތަފާތުކޮށް އަދި ބޭރު މީހުންނާ މެދު ނަފުރަތު އުފެދޭ ފަދަ" ވާހަކަތަކެއް ފެންމަތިވުމާ ގުޅިގެން، ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގެއް ފަށައިފިއެވެ. ނޭޕާލް-ޓިބެޓް ކައިރިއަށް އޮގަސްޓް 26 ގައި އައި ކުއްލި ފެންބޮޑުވުމާ ގުޅިގެން އިންޓަނެޓުގައި ނަސްލީ ތަފާތުކުރުމުގެ ކޮމެންޓްތައް ފެންމަތިވި އެވެ. އަދި އެއާ އިންޑިއާއަށް ސިންގަޕޫރު އެއާލައިންސުން ކުރި އިންވެސްޓްމަންޓާ ގުޅޭ ކޮމެންޓްތަކުގައި ވެސް ބަޔަކު ވަނީ "އިންޑިއާ މީހުންނާ ދެކޮޅަށް ނަފްރަތުގެ ބަސްތައް ބޭނުންކޮށްފައި" ކަމަށް ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ކޭ ޝަންމުގަމް ވިދާޅުވިއެވެ.

ޝަންމުގަމް ވިދާޅުވީ އިންޓަނެޓުގައި ޕޯސްޓްކޮށްފައިވާ "ލަދުވެތި" އަދި "ބަލައިނުގަނެވޭނެ" ކޮމެންޓްތައް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ވެސް ވަނީ އިންޑިއާ ނަސްލުގެ މީހުންނާ ދެކޮޅަށް އިންޓަނެޓުގައި ހިންގި މި އަމަލުތަކަށް ރައްދު ދެއްވައި، އެއްވެސް މުޖުތަމައުއަކާ މެދު ތަފާތުކުރުމަކީ ބަލައިގަނެވޭ ނުވަތަ އާދައިގެ ކަމަކަށް ހެދުމުގެ ފުރުސަތު ސިންގަޕޫރުން ދުވަހަކުވެސް ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ފޭސްބުކް ޕޯސްޓެއްގައި ވޮންގް ވިދާޅުވީ މި ކަމާ ގުޅޭގޮތުން އިންޓަނެޓުގައި ކުރެވުނު ބަހުސްތަކުގައި ބައެއް މީހުންގެ "ހުތުރު ސުލޫކެއް" ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އެފަދަ ވިސްނުންތަކަކީ ސިންގަޕޫރު ރަމްޒުކޮށްދޭ ކަންކަން ނޫން ކަމަށާއި ނަމަވެސް، އެއީ "ގެއްލުމެއް ނެތް އިންޓަނެޓު ވާހަކަތަކެއްގެ" ގޮތުގައި ދޫކޮށްލައިގެން ތިބެގެން ނުވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

"މިފަދަ އަމަލުތައް ހުއްޓުވުމެއް ނެތި ކުރިއަށްދާނަމަ، އެއީ އާދައިގެ ކަމަކަށް ވެދާނެ، މުޖުތަމައުތަކުގެ މެދުގައި އިތުބާރު ކުޑަވެދާނެ، އަޅުގަނޑުމެން ބައިބައިވެގެން ހިނގައިދާނެ،" ވޮންގް ވިދާޅުވިއެވެ. މީގެއިތުރުން، މިކަމާ ގުޅޭގޮތުން އޭނާގެ ކެބިނެޓް މެންބަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ޝަންމުގަމް މި ވާހަކަ މީޑިއާގައި ދެއްކެވީ އެ ސަބަބާ ހުރެ ކަމަށްވެސް ވިދާޅުވިއެވެ.

ސިންގަޕޫރުގެ މުޅި އާބާދީގައި ހަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. މީގެ ތެރެއިން 75 އިންސައްތައަކީ ޗައިނާ ދަރިކޮޅުގެ މީހުންނެވެ، 15 އިންސައްތައަކީ މެލޭ ދަރިކޮޅުގެ މީހުންނެވެ، ގާތްގަނޑަކަށް ނުވަ އިންސައްތައަކީ އިންޑިއާ ދަރިކޮޅުގެ މީހުންނެވެ، އަދި ބާކީ ތިބީ އެހެނިހެން ގައުމުތަކުގެ މީހުންނެވެ.

ހިއްސާ ކުރައްވާ!