ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދައުވަތަކަށް ޖަޕާނުގެ ޓޯކިއޯ ޔުނިވަރސިޓީގެ ދަރިވަރުންތަކެއް ރާއްޖެއަށް ޒިޔާރަތްކޮށް، ތަޢުލީމީ އަދި ސަޤާފީ ޚާއްޞަ ހަރަކާތްތަކެއް ފުރިހަމަކޮށްފިއެވެ. މިމަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދެ ޤައުމުގެ މަތީ ތަޢުލީމުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މާޙައުލެއްގައި ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ އެންމެ ޚާއްޞަ އެއް ސިފައަކީ ޒިޔާރަތްކުރި ޖަޕާނުގެ ކޮންމެ ދަރިވަރަކާއެކު އެމްއެންޔޫގެ ދަރިވަރަކު ބައިވެރިކޮށް، ސީދާ މުޢާމަލާތްކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. މިގޮތުން ކުރިއަށް ގެންދިޔަ ސިލްސިލާ ލެކްޗަރުތަކާއި މަޝްވަރާތަކުގެ ތެރެއިން، ރާއްޖޭގެ ތާރީޚާއި، ސަޤާފަތާއި، އަދި މުޖުތަމަޢުގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާޅު ބަދަލުކޮށްފައިވެއެވެ.
މި ޒިޔާރަތުގެ ތެރެއިން ޓޯކިއޯ ޔުނިވަރސިޓީގެ ދަރިވަރުން ވަނީ އެމްއެންޔޫގެ އެކި ފެކަލްޓީތަކަށް ޒިޔާރަތްކޮށް، އެތަނުގެ ލެކްޗަރާއިންނާއި ދަރިވަރުންނާ ބައްދަލުކޮށްފައެވެ. އަދި ވިލިނގިލީގައި ހުންނަ އެމްއެންޔޫގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒްއަށް ކުރި ޒިޔާރަތަކާއެކު، ރާއްޖޭގެ ރަށްރަށުގެ މާޙައުލާއި ދަތުރުފަތުރުގެ ނިޒާމު ޢަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުސަތު އެ ކުދިންނަށް ލިބިގެންދިޔައެވެ. ފެރީގައި ކުރި މި ދަތުރުގެ ސަބަބުން ދަރިވަރުންނަށް ޖަޒީރާވަންތަ މާޙައުލެއްގައި ތަޢުލީމީ މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދިޔަ ކަން އެމްއެންޔޫއިން ފާހަގަކުރެއެވެ.
މިއީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެންވަރު ރަނގަޅު ތަޢުލީމާއި، ދެމެހެއްޓެނިވި މުޖުތަމައުތައް ބިނާކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގައުމީ ޔުނިވާސިޓީން ފާހަގަކުރެއެވެ.
ފޮޓޯ: އެމްއެންޔޫ



