ހިންދޫ ދީނުގެ ދެ ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިންދު ހައިކޯޓުން ކުރި އަމުރު ދަމަހައްޓަން ޖެހޭނެ ކަމަށައި އެމުރާ އެއްގޮތަށް ޕާކިސްތާން ބައިތުލްމާލުން އެކުދިންނަށް އެހީވާން ޖެހޭނެ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ޔަޙްޔާ އަފްރީދީ ރިޔާސަތު ބަލަހައްޓަވައި، ފަނޑިޔާރު ނަޢީމް އަޚްތަރު އަފްޣާން އަދި ފަނޑިޔާރު މިޔާނގުލް ޙަސަން އައުރަންގްޒެބް ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމަވާފައި ވަނީ ކައިވެންޏާ ހަމައަށް ދާނދެން މި ދެކުދިން ކުރެ ކޮންމެ ކުއްޖަކަށް މަހަކު 10,000 ރުޕީސްގެ މާލީ އެހީތެރިކަމެއް ޕާކިސްތާން ބައިތުލްމާލު މުއައްސަސާއިން ފޯރުކޮށްދިނުމަށާއި އަދި ކޮންމެ އަހަރަކު %10 ގެ އިތުރު ވުމެއް މިފައިސާއަށް އިތުރު ކުރުމަށް އަންގާ ކަމަށެވެ.
މި މައްސަލައަކީ ސިންދު ހައިކޯޓުގެ ލަރްކާނާ ސާކިޓް ކޯޓުގެ އަމުރާ ދެކޮޅަށް މައްސަލަ އިސްތިއުނާފް ކުރީ ޕާކސްތާން ބައިތުލްމާލުންނެވެ.
ކުޑަކުދިންގެ ޙައްޤުތަކާއި ކަންބޮޑުވުންތަކަށް ހައިކޯޓުން ދެއްވި ސަމާލުކަމަށް ސުޕްރީމް ކޯޓުން ތަޢުރީފުކުރި އެވެ. އަދި މުސްތަޤުބަލުގައި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ އުޞޫލެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކޯޓުތަކަށް ހުށަހެޅޭ އެފަދަ މައްސަލަތަކުގައި ބައިތުލްމާލު ފަދަ މުއައްސަސާތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ފާހަގަވާނަމަ، އެ މައްސަލަތައް ބައިތުލްމާލަށް ހުށަހެޅުމަށް ވަނީ ކަނޑައަޅާފައެވެ.
މި މައްސަލަ ފެށިގެން އައީ، ހިންދޫ ދީނުގެ ދެ ކުދިންގެ ކާފަ ކަމަށްވާ ރާމް ރާޖަކީ އެ ކުދިންގެ ޚަރަދު ބަލަހައްޓަން ޖެހޭ ފަރާތެއް ނޫން ކަމަށް ކަނޑައަޅައި 2022 ޑިސެމްބަރު 1 ވަނަ ދުވަހު ސިންދު ހައިކޯޓުން ކުރި އަމުރާ ދެކޮޅަށް ބައިތުލްމާލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުނު ހިސާބުންނެވެ. މި ޙާދިސާ ހިނގާފައިވަނީ ހިންދޫ އަންހެނެއް ކަމަށްވާ ޝްރީމަތީ ރީތާ، ރަވީ ކުމާރާ ކައިވެނިކޮށް، ލިބުނު ދެ އަންހެން ކުދިން ކަމަށްވާ ޖަސީކާ އަދި ސަނިކާގެ ބައްޕަ 2017 މެއި 20 ވަނަ ދުވަހު އަމިއްލައަށް މަރުވުމާ ގުޅިގެން އެކުދިންގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ނެތިގެންނެވެ.
ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ޔަޙްޔާ އަފްރީދީ ފާހަގަކުރެއްވި ގޮތުގައި، ޤާނޫނީ ސުވާލުތަކަށް ޖަވާބު ހޯދުމުން، މައްސަލާގައި ހިމެނޭ ފަރާތްތަކުގެ އަސްލު ދަތިތަކަށް ޙައްލެއް ނުލިބި ހިނގައިދާނެއެވެ. އެހެންކަމުން، ޝަރުޢީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމުގެ ގޮތުން ކޯޓުތަކުން މިފަދަ ކަންކަމާ މެދު ވިސްނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަދި މިފަދަ ޙާލަތްތަކުގައި، ޤައުމުގެ ކުޑަކުދިންނާއި ނިކަމެތިންނަށް އެހީތެރިވުމަށް ޤާއިމުކޮށްފައިވާ ދައުލަތުގެ ބައިތުލްމާލު ފަދަ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. މި ދެ ކުދިން ނިސްބަތްވަނީ މުޖުތަމަޢުގައި ނާޒުކުފަދަ ހާލަތެއްގައިވާ ބައިމަދު ދަރިކޮޅަށް ކަމަށްވާއިރު، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައި ގަތުމަށް އެފަރާތްތަކަށް އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ކޯޓުން ފާހަގަ ކުރިއެވެ.



