ޕާކިސްތާނުގެ ސިންދު ޕްރޮވިންސުގައި އެޗް.އައި.ވީ/އެއިޑްސް ފެތުރެމުންދާ މައްސަލަ ތަޙުޤީޤުކުރުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ޤަރާރު، ސިންދު އެސެމްބްލީގެ އަޣުލަބިއްޔަތުން ބޭރުކޮށްލައިފިއެވެ. މި ޤަރާރު ހުށަހަޅުއްވާފައިވަނީ މުއްތަހިދާ ޤައުމީ މޫވްމަންޓް-ޕާކިސްތާން އިން ނެވެ. މި ޤަރާރު ހުށަހަޅާފައި ވަނީ ސިންދު އެމްޕްލޮއިޒް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޝަން (އެސް.އީ.އެސް.އެސް.އައި)ގެ ހޮސްޕިޓަލެއްގައި އެޗް.އައި.ވީ ފެތުރިފައިވާ މައްސަލައާ ގުޅިގެން ކަންބޮޑުވުން އުފެދިފައި ވުމުންނެވެ.
މި ޤަރާރުގައިވަނީ ހޮސްޕިޓަލުން ރިޕޯޓުކޮށްފައިވާ އެޗް.އައި.ވީގެ މައްސަލައާއި އާންމު ޞިއްޙަތަށް އެޗްއައިވީ ފެތުރުމުން ކޮށްފާނެ އަސަރުތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެއެވެ. އަދި މި މައްސަލަ ތަޙުޤީޤުކޮށް، ރިޕޯޓުކޮށްފައިވާ ޢަދަދުތަކަށްވުރެ ބޮޑަށް ބަލި ފެތުރިފައިވޭތޯ ބެލުމަށާއި، ޕްރޮވިންސުގެ އެކި ހިސާބުތަކުގައި އެޗްއައިވީ ފެތުރުމުގެ މައްސަލަ އޮތް މިންވަރު ބެލުމަށް ސިންދު ސަރުކާރުން މިނިވަން ކޮމިޝަނެއް އުފެއްދުމަށް ޤަރާރުގައި ލަފާދީފައިވެއެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަޙުޤީޤު ނިމެންދެން، މިކަމުގެ ޒިންމާ އުފުލަންޖެހޭ ކަމާބެހޭ އިސް އޮފިޝަލުން މަޤާމުތަކުން ވަކިކުރުމަށްވެސް ޤަރާރުގައި ލަފާދީފައިވެއެވެ.
ސިންދުގެ ލޭބަރ މިނިސްޓަރު ސަޢީދު ޣަނީ ވަނީ މި ޤަރާރާ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ޚާއްޞަ ފަންޑެއްވެސް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި މި ޤަރާރު އަނބުރައި ގެންދެވުމަށް އޭނާ އެދިވަޑައިގަތެވެ. ނަމަވެސް، އިދިކޮޅުން ބޭނުންވީ މި ޤަރާރަށް ވޯޓަށް އެހުމަށެވެ. އެއަށްފަހު ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މި ޤަރާރު ބޭރުކޮށްލާފައެވެ.
މިދިޔަ ދުވަސްތަކުގެ ތެރޭގައި ސިންދު ސަރުކާރުން ވަނީ އެހޮސްޕިޓަލުގައި 100 އަށްވުރެ ގިނަ ކުޑަކުދިންނަށް އެޗް.އައި.ވީ ޖެހިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އަސަރުކޮށްފައިވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް 2 ބިލިއަން ރުޕީސްގެ ފަންޑެއް ވަނީ ޤާއިމުކޮށްފައެވެ.



