ބޮޑުތަކުރުފާނުމަގުގެ ޕާކިން ސަރަހައްދުން ފީ ނަގަން ފަށަނީ

މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ބޮޑުތަކުރުފާނުމަގުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުން ވަކި އުސޫލެއްގެ މަތިން ކުޑަ މިންވަރެއްގެ ފީއެއް ނެގުމަށް ސަރުކާރުން ވިސްނަމުން އަންނަ ކަމަށް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މާލޭގެ ޓްރެފިކާއި ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް ކުރިމަތިން ފަޅުން ބައެއް ހިއްކައިގެން ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން ޑިމާންޑް އުސޫލުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

މި ނިޒާމުގެ ދަށުން، އާންމު އޮފީސް ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވަކި އުސޫލަކުން، 'ޓަޗް އެންޑް ގޯ' ފަދަ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފީއެއް ނެގުމަށް ވިސްނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ސަބަބުން ޕާކިން ޖާގަތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގުފަހިވެގެންދާނެ އެވެ.

މި މަޝްރޫޢުގެ އިތުރުން، މަޖީދީމަގުގައި ހުންނަ ހީނާމާގޭ ބިމާއި، ސޯސަންމަގުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާ ކައިރީގައި އޮންނަ ބިމުގައި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

ހިއްސާ ކުރައްވާ!