މާލޭގެ މަގުތަކުގައި ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ހީނާމާގޭ ބިމާއި ސޯސަންމަގުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާ ކައިރީގައި ޕާކިން ބިލްޑިންތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު ފެށިގެންގޮސް، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅިން ނިންމުމަށް އަމާޒުހިފާފައިވާ ކަމަށެވެ. މާލޭގެ މަގުތަކުގެ ދެ ފަރާތުގައި ވެހިކަލް ޕާކުކުރުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ދިމާވާ ދަތިތަކަށް މި ބިލްޑިންތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މި އިމާރާތްތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރާއި ދެ ފުރޮޅުލީ ވެހިކަލްތައް ވަކިން ޕާކުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން، ޒަމާނީ މެކޭނިކަލް ޕާކިން ނިޒާމުތަކާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން-ޑިމާންޑް އުސޫލުން ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މިތަންތަނުން ޚިދުމަތް ހޯދާއިރު އާންމު ރައްޔިތުންނަށް އުފުލާލަން ފަސޭހަވާވަރުގެ ކުޑަ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، އެ ފީތައް ކަނޑައަޅާނީ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢާ އެކުއެކީގައި، އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން މާލެ ސަރަހައްދުގެ ޓްރެފިކް ކަންކަން ވަގުތުން ވަގުތަށް ބެލެހެއްޓުމަށް ޚާއްސަ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި ސެންޓަރު މެދުވެރިކޮށް މުޅި މާލޭގެ ޓްރެފިކް ފްލޯ ޒަމާނީ ވަސީލަތްތަކާއެކު މޮނިޓަރ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަލަށް ފާސްކޮށްފައިވާ ޤާނޫނުގެ ދަށުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ހިންގުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ.




