އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯލަނބައި ނުލައި މުދަލަށް މުދާ ބަދަލުކުރުމުގެ އުޞޫލުން އީރާނުން ޗައިނާއާއެކު ބިލިއަންޑަރ ޑޮލަރުގެ ވިޔަފާރިތަކެއް ހިންގަމުންދާކަން ހާމަވެއްޖެއެވެ. ޗައިނާގެ މި ސިއްރު ނިޒާމުގެ ދަށުން އީރާނުން ވިއްކާ ތެލަށް ބަދަލުގެ ގޮތުން ޗައިނާއިން އެ ޤައުމަށް ބޭނުންވާ މުދަލާއި އަސްކަރީ ސާމާނު ފޯރުކޮށްދެމުންދާ ކަމަށް ރޮއިޓާސް އަށް މަޢުލޫމާތު ދެއްވި އިސް މަސްދަރުތަކުން ބުނެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާއިން އިޤްތިޞާދީ އަދި އަސްކަރީ ޕްރެޝަރުތައް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައި، މިފަދަ ސިއްރު ވިޔަފާރީގެ ނިޒާމެއްގެ ސަބަބުން ތެހެރާންގެ އިޤްތިޞާދަށް ލުޔެއް ލިބިގެންގޮސްފައިވާ ކަމަށް ބުނެއެވެ. ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ޤައުމު ކަމަށްވާ ޗައިނާއަށް، ހެޔޮ އަގެއްގައި އީރާނުގެ ތެޔޮ ލިބުމުގެ މަގު މި ނިޒާމުގެ ސަބަބުން ވަނީ ފަހިވެފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ފިޔަވަޅުތަކުން ސަލާމަތްވެ، ޗައިނާގެ ބޭންކުތަކާއި ކުންފުނިތަކަށް އީރާނާއެކު ވިޔަފާރިކުރުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އިރާނުގެ ތެލުގެ ވިޔަފާރިއަށް އެހީތެރިވެދޭ ޗައިނާގެ ބައެއް ކުދި ކުންފުނިތަކަށް އެމެރިކާއިން ވަނީ ކުރިން ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް، މުޅި ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ މާ ހަރުކަށި ބޮޑެތި ފިޔަވަޅުތައް އެޅުމުން އެމެރިކާ މިހާތަނަށް ވަނީ ދުރު ހެލިވެފައެވެ.





