އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ޑރ. ފުރުޤާނަށް ލިބިއްޖެ

ރާއްޖޭގެ ތަރައްޤީގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު އަގުވަޒަންކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް ބޭއްވި "އިންޖިނިއަރސް އެވޯޑް" ރަސްމިއްޔާތުގައި، މިއަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ޑރ. ފުރުޤާން އިބްރާހިމަށް ލިބިއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދާއިރާގެ ކުރިއެރުމަށް މަސައްކަތްރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެކި ކެޓަގަރީތަކުން ވަނީ އެވޯޑު ދީފައެވެ.

އެންމެ މޮޅު އިންޖިނޭރުގެ އިތުރުން އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑުވެސް ހާސިލުކުރެއްވި ޑރ. ފުރުޤާން އިބްރާހިމަކީ އިންޖިނިއަރިންއާއި ދިރާސާކުރުމާއި ހަކަތައިގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ޚިދުމަތް ކުރައްވަމުން ގެންދަވަނީ އެމްޑަބްލިޔުއެސްސީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ޤާބިލުކަން ސާބިތުކޮށްދެމުންދާ ފަރާތްތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓާ އެކަށައެޅޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ފަރުމާކުރުމުގައި ދިވެހި އިންޖިނޭރުން އަދާކުރާ ދައުރު ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި އެކި ދާއިރާތަކުން 77 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މިގޮތުން ސަސްޓެއިނަބިލިޓީ ޗެމްޕިއަން އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު އެމްޑަބްލިޔުއެސްސީއަށް ލިބިފައިވާއިރު، ޒުވާން އިންޖިނޭރުގެ އެވޯޑު މުޙައްމަދު ޒިދާން ހަސަނަށް ވަނީ ލިބިފައެވެ.

ހިއްސާ ކުރައްވާ!