ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރަޝިޔާގެ ރައީސް ޕޫޓިން އިންޑިއާއަށް ވަޑައިގެންފި

2026 ވަނަ އަހަރުގެ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރަޝިޔާގެ ރައީސް ޕޫޓިން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިއަދު ފަތިހުގެ ވަގުތެއްގައި ވަޑައިގެންފިއެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުކްރޭންއާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށިފަހުން، އެ ޤައުމުން ބޭރުގައި ބޭއްވޭ ބްރިކްސްގެ އެއްވުމެއްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި ޕޫޓިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ސްޓްރެޓެޖީއާ ގުޅޭ މުހިންމު މަޝްވަރާތައް ބާއްވަން ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި، ހަކަތައިގެ ދާއިރާއިން އެއްބާރުލުންދިނުމާއި، އަދި ދިފާޢީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލުބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޚާއްޞަކޮށް، ރަޝިޔާގެ "ސުޚޯއީ އެސް.ޔޫ-57″ މަރުކާގެ ސްޓެލްތު ހަނގުރާމަމަތީ މަތިންދާބޯޓު އިންޑިއާއަށް ވިއްކުމުގެ ކަންކަމާއި، ނާދިރު މައުދަން އުފެއްދުމުގައި އެއްބާރުލުން ދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ބިޝްކެކްގައި ބޭއްވި ޝަންހާއީ ކޮޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގެ ތެރެއިން ވެސް މޯދީއާއި ޕޫޓިން ވަނީ ބައްދަލުކުރައްވާފައެވެ. ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސިޔާސީ ބޮޑެތި ފިއްތުންތަކާ އެކުވެސް، އިންޑިއާއާއި ރަޝިޔާއިން ދަނީ އިޤްތިޞާދީ ގުޅުންތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުންނެވެ.

މި ސަމިޓަކީ ބައިނަލްއަޤްވާމީ މާލީ ނިޒާމަށާއި ވިޔަފާރިއަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާ ބްރިކްސް ޖަމްޢިއްޔާއަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ބޭއްވޭ ބައްދަލުވުމެކެވެ. ރަޝިޔާގެ އިސް ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވިގޮތުގައި، ދެ ޤައުމުގެ ވެރިންގެ މި ބައްދަލުވުމުން ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެއެވެ.

ހިއްސާ ކުރައްވާ!