ޤަވާއިދާޚިލާފު ކަންކަން ރިޕޯޓުކުރުމަށް ޗައިނާއިން އައު އުސޫލުތަކެއް ތައާރަފުކޮށްފި

ޗައިނާގައި ދީނީ މިނިވަންކަމުގެ މައްޗަށް ދައުލަތުގެ ކޮންޓްރޯލު އިތުރަށް ހަރުދަނާކޮށް، ޤަވާއިދާޚިލާފު ކަމަށް ބަލާ ދީނީ ކަންކަން ރިޕޯޓުކުރާ ފަރާތްތަކަށް އިނާމު ދިނުމުގެ އައު އުސޫލުތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ތައާރަފުކޮށްފިއެވެ. މި އައު ފިޔަވަޅުތަކުގެ ސަބަބުން މިނިވަންކަމާއެކު ދީނީ ކަންކަން ކުރިއަށް ގެންދާ ފަރާތްތަކާއި ފާޅުކަންބޮޑުކޮށް ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ނުރައްކާތައް އިތުރުވެފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން 2016 ވަނަ އަހަރު ތައާރަފުކުރެއްވި ދީންތައް ޗައިނާކުރުމުގެ ސިޔާސަތުގެ ދަށުން، ދީނީ ހަރަކާތްތައް މޮނިޓަރުކޮށް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ދަނީ ވަރުގަދަކުރަމުންނެވެ. މިގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކި ސަރަޙައްދުތަކުގެ އިދާރާތަކުން ވަނީ ޤަވާއިދާޚިލާފަށް ހިންގާ ދީނީ ހަރަކާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް މާލީ އިނާމު ދޭން ފަށާފައެވެ. އޭގެ ތެރޭގައި ޔނާން ޕްރޮވިންސުގެ ހޮންގްހެ ސަރަޙައްދުގައި އެކަނިވެސް 35 ކެޓަގަރީއެއްގެ ޤަވާއިދާޚިލާފު ދީނީ ހަރަކާތްތައް ކަނޑައަޅައި، އާންމު ތަންތަނުގައި ދީނީ ލިޔެކިޔުންތައް ބެހުމާއި، އަމިއްލަ ގޭގޭގައި ނުވަތަ ހުއްދަ ނުނަގާ ތަންތަނުގައި ދީނީ އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވިޔަފާރިތަކާއި ހޮޓާތަކާއި ޓްރެވެލް އެޖެންސީތަކުގެ ދައުރުވެސް ވަނީ ފުޅާކޮށްފައެވެ. އެފަދަ ތަންތަނުގައި ހިންގާ ހަރަކާތްތަކުގައި ޝައްކުކުރެވޭފަދަ ކަމެއް ހިނގާތޯ ބަލައި ރިޕޯޓުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އަދި ސިޗުއާން ޕްރޮވިންސުގެ ޗެންޑޫ ސަރަޙައްދުގައި މިފަދަ މަޢުލޫމާތު ދޭ ފަރާތްތަކަށް 800 ޔުއާން (120 އެމެރިކާ ޑޮލަރު) އާ ހަމައަށް ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޖެނުއަރީ 1 ގައި އަމަލުކުރަން ފެށި އާންމު ސަލާމަތާބެހޭ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު، ޤަވާއިދާޚިލާފު ދީނީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް 5 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތަކަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ހިއްސާ ކުރައްވާ!