ދެކުނު ކޮރެއާގައި ބޭއްވި ބައިނަލްއަޤުވާމީ މަޝްވަރާތަކެއްގެ ތެރޭގފައި ޗައިނާގެ މަޤުޞަދުތައް ބަޔާންކޮށް ލިޔުމެއް ފޮނުވުމުން، އެކަމަށް ފާޅުގައި ފާޑުވިދާޅުވެ ފިލިޕީންސްގެ ދިފާޢީ ވަޒީރު ޖިލްބަރޓޯ ޓިއޯޑޯ ހޫނު ރައްދެއް ދެއްވައިފިއެވެ. ސިއޯލް ޑިފެންސް ޑައިލޮގްގައި ވާހަކަދައްކަވަމުން، ޗައިނާގެ ފަރާތުން އައި ލިޔުމަކަށް އިޝާރާތްކުރައްވައި ފިލިޕީންސް ވަޒީރު ވިދާޅުވީ މިއީ ބައިނަލްއަޤުވާމީ އުސޫލުތަކަށާއި މެހުމާންދާރީ އަދާކުރި ޤައުމަށް އިހާނާތެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ސިއޯލްގައި ކުރިއަށްދިޔަ ސިފައިންގެ ޚާއްސަ ފޯރަމެއްގައެވެ. އެ ފޯރަމްގައި ވާހަކަދެއްކެވުމުގެ ތެރެއިން، ސްޕޯޓްސް ހެދުމެއްގައި ހުރި ފިރިހެނަކު އައިސް ޓިއޯޑޯގެ މޭޒުމަތީގައި ލިޔުމެއް ބޭއްވިއެވެ. އެއާއެކު ވާހަކަ މެދުކަނޑާލެއްވުމަށްފަހު، އެ ލިޔުމަކީ ޗައިނާއިން ފޮނުވާފައިވާ ލިޔުމެއްކަން ފާހަގަކުރައްވައި ފިލިޕީންސް ވަޒީރު ވަނީ އެ ލިޔުން ބާރަށް ކިޔުއްވާފައެވެ.
އެ ލިޔުމުގައިވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާގެ ސްޓްރެޓީޖީ ވަރަށް ސާފުކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެ ސަރަޙައްދުގައި ހިންގާފައިވާ އާބިޓްރޭޝަންގެ ނިންމުންތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
"މިއީ ހަޤީޤަތުގައިވެސް ބިރުދެއްކުމާއި ބުލީކުރުމުގެ ޢަމަލެއް،" ޓިއޯޑޯ ވިދާޅުވިއެވެ. "ޗައިނާގެ މި ލިޔުމަކީ އެ ޤައުމުގެ ނާކާމިޔާބު ސިޔާސަތު ފޮރުވަން އުޅޭ އުޅުމެއްގެ ހެއްކެއްގެ ގޮތުގައި އަޅުގަނޑު މިއަދު މި ލިޔުން ބާއްވާނަން." އޭނާ ވިދާޅުވިއެވެ.
ފޯރަމްގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ޓިއޯޑޯ ވިދާޅުވީ، ޑިޕްލޮމެޓިކް ހަމަތަކުން ބޭރުން ޗައިނާއިން މިފަދަ ޢަމަލުތައް ހިންގުމަކީ ބައިނަލްއަޤުވާމީ މަސްރަހުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ހަމައެކަނި ޤާނޫނުތަކަށް ގޮންޖެހުމެއް ނޫން ކަމަށާއި، މި ކަމުގެ ސަބަބުން މިފަދަ ބައްދަލުވުންތައް އިންތިޒާމުކުރާ ފަރާތްތަކުގެ އަގުވެސް ވެއްޓިގެންދާ ކަމަށް ފާހަގަކުރެއްވިއެވެ.
2016 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގެ ދަށުން ފިލިޕީންސުން ހުށަހެޅި މައްސަލާގައި ދައުވާ ކާމިޔާބު ވީ ފިލިޕީންސަށެެވެ. ބައިނަލްއަޤުވާމީ ކޯޓުން ކަނޑައަޅާފައިވަނީ ފިލިޕީންސްގެ ކަނޑުގެ ސަރަޙައްދުގައި ޗައިނާއިން ހިންގާ ކަންކަމަކީ ޤާނޫނާ ޚިލާފު ކަންކަން ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދީ އިމާއި އިޤުތިޞާދީ ޚާއްސަ ސަރަޙައްދުތަކުގައި ޗައިނާ ސިފައިން ހިންގާ ކަންކަމާ މެދު އަބަދުވެސް ފިލިޕީންސުން ދެކޮޅު ހަދފައި އިޖުތިޖާޖު ކުރެއެވެ.





