ނިއުދިއްލީގައި ކުރިއަށްދާ ބްރިކްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުޅަނގުގެ ޤައުމުތަކަށް ފާޑުވިދާޅުވެއްޖެއެވެ. ޕޫޓިން ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަދަދު 30،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި، މިއީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކަށް އަޅާފައިވާ ޖުމްލަ ދަތުިކުރުމުގެ ފިޔަވަޅުތަކުގެ ދެގުނައަށްވުރެ ވެސް އިތުރު އަދަދެއް ކަމަށެވެ.
ބައިނަލްއަޤްވާމީ ވިޔަފާރީގެ ނިޒާމަށް ނުފޫޒުފޯރުވުމާއި، ޓްރާންސްޕޯޓް ކޯރިޑޯތައް ބްލޮކްކުރުމާއި، ތެޔޮ ހޮޅިތައް ހަލާކުކުރުމުގެ އިތުރުން ޤާނޫނާ ޚިލާފަށް ކަނޑުގެ އުޅަނދުތައް ފޭރިގަތުން ފަދަ އަމަލުތަކަކީ ޤައުމުތައް ކުރުނީސްކުރުވުމަށް ހުޅަނގުން ބޭނުންކުރަމުންދާ ހުތުރު އުކުޅުތަކެއް ކަމަށް ޕޫޓިން ސިފަކުރެއްވިއެވެ.
މިފަދަ ހުރަސްތަކާއި ޕްރެޝަރުތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ރަޝިޔާގެ އިޤްތިޞާދު ހުއްޓިފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުރީ ދުނިޔޭގެ އެވްރެޖަށްވުރެ މަތީގައި ކަމަށާއި، ޤައުމީ އިސްތިޤްލާލު ވަރުގަދަކޮށް އިތުބާރު ހުރި ބައިވެރިންނާއެކު ވިޔަފާރީގެ ސްޓްރެޓީޖީ ކާމިޔާބުކަމާއެކު ތަރައްގީއަށް ބަދަލުކޮށްފައި ވާނެ ކަމަށް ވިދާޅުވިއެވެ.
ރަޝިޔާއާ މުއާމަލާތު ކުރާ ޤައުމުތަކަށް އަމާޒުކޮށްގެން އެމެރިކާގެ ކޮންގްރެސްއިން ހުށަހަޅާފައިވާ ބިލުތަކާއި ދެވަނަ ދަރަޖައިގެ ޓެރިފްގެ އިންޒާރުތަކަށް އިންޑިއާއިން ވަނީ ރައްދުދީފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އިންޑިއާގެ ހަކަތައިގެ ސިޔާސަތު ބިނާވެފައިވަނީ 1.4 ބިލިއަން ރައްޔިތުންނަށް މެދުކެނޑުމެއްނެތި އަގުހެޔޮކޮށް ހަކަތަ ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ.
އިންޑިއާގައި ހުންނަވާ ރަޝިޔާގެ ސަފީރު ޑެނިސް އަލިޕޯވް ވެސް ވަނީ އިންޑިއާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ރަޝިޔާ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހުޅަނގުގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް ހުރަސް ނޭޅޭނެ ކަމަށާއި، އިންޑިއާގެ ޤައުމީ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާ ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށް އޮތް ތަނުގައިވެސް ފުޅާވެގެންދާނެ ކަމަށް ބުނެއެވެ.






