ޗައިނާގެ މުއްސަނދި ބިލިއަނަރަކު ވަނީ އޭނާގެ އާއިލީ ބޮޑު ޚާންދާނެއް ބިނާކުރުމުގެ ބޭނުމުގައި، އެތައް ސަތޭކަ ކުދިންތަކެއް ހޯދުމަށްޓަކައި އަންހެނުންގެ ރަހިމު ކުއްޔަށް ހިފުމުގެ ނިޒާމަށް ބަރޯސާ ވެފައެވެ. މި ޙަޤީޤީ ވާހަކައަކީ، މިއަދުގެ މާއްދީ ދުނިޔޭގައި އިންސާނީ އަގުތައް ވެއްޓެމުންދާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. މިފަދަ ވިޔަފާރި ވަސީލަތްތަކުގައި މައިވަންތަކަމާއި ކުޑަކުދިން ވަނީ ވިޔަފާރި ބާޒާރެއްގައި ވިއްކާ އަދި ގަންނަ މުދަލަކަށް ބަދަލުވެފައެވެ.
އިސްލާމީ ނަޒަރަކުން، އަދި ޝަރީޢަތުގެ ނަޒަރުގައި "ރަހިމު ކުއްޔަށް ދިނުން" ފަދަ ޢަމަލުތަކަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ.
އިސްލާމްދީނުގައި ރަހިމު ކުއްޔަށް ހިފުމުގެ ޙަޤީޤަތް
އިސްލާމްދީނުގައި އާއިލާއާއި ނަސްލު ބިނާވެފައިވަނީ ލޯތްބާއި، ރަޙްމަތާއި، ޢިއްފަތްތެރިކަމާއި، އަދި ސާފު ޝަރުޢީ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ޞައްޙަ ކައިވެންޏެއްގެ މައްޗަށެވެ. ރަހިމު ކުއްޔަށް ހިފުމަކީ މާލީ ބަދަލަކަށްޓަކައި ކަމުގައި ވިޔަސް، ނުވަތަ އެނޫން ގޮތަކަށް ކަމުގައި ވިޔަސް މިއީ އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާ މުޅިން ޚިލާފު ކަމެކެވެ. އަދި ނަސަބު އޮޅިގެން ދިއުމާއި، މައިންނާއި ކުދިންގެ އިންސާނީ ކަރާމަތަށް އަރައިގަނެވޭތީ މިއީ "ޒިނޭ" ފަދަ ބޮޑު ފާފައެއްގެ ޙުކުމާ އެއްފަދަ ޢަމަލެކެވެ. މިކަން ޙަރާމްވާ މައިގަނޑު ސަބަބުތަކަކީ:
ނަސަބު އޮޅިގެން ދިއުން:
ބައެއް ވިޔަފާރިވެރިންނާއި މުއްސަނދިން ދަރިން ހޯދުމަށްޓަކައި ލެބޯޓްރީގެ ތެރެއިން އަންހެނުންގެ ރަހިމުތަކާ އެކު ކޮންޓްރެކްޓް ހަދައެވެ. ނަތީޖާއެއްގެ ގޮތުން އެއް ފިރިހެނެއްގެ ކިބައިން ތަފާތު އެތައް އަންހެނުން މެދުވެރިކޮށް ސަތޭކައަށްވުރެ ގިނަ ކުދިން އުފަ ް ކުރެއެވެ. އެ ކުދިންނަށް އެކަކު އަނެކަކު ނޭނގެއެވެ. މިއީ ސީދާ ނަސަބު އޮޅިގެން ދިއުން އަދި ނަސަބު ގެއްލި، އިސްލާމްދީން ބިނާކޮށްދީފައިވާ އާއިލީ ނިޒާމު ހަލާކުކޮށްލާ ކަމެކެވެ. އަދި ކުރިމަގުގައި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފައިކަމުގެ ކުދިން ނޭނގި ކައިވެނިކުރެވޭ ފަދަ ބޮޑެތި މުންކަރާތްތަކަށް މަގުފަހިވެގެންދެއެވެ. އިސްލާމްދީން ވަނީ ޙަޤީޤީ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކުރުމަށާއި، އާއިލާގެ ތެރެއަށް ބީރައްޓެހި ނަސަބެއް ވައްދަން އުޅުމާ ދެކޮޅަށް އިންޒާރުދީފައެވެ.
އިންސާނީ ރަހިމު "ވިޔަފާރި މުދަލަކަށް" ބަދަލުކުރުން:
މާތް ﷲ ތަޢާލާ އިންސާނުންނަށް ކަރާމަތް ތެރިކަނާ ދެއްވަމުން ވަޙީކުރެއްވިއެވެ: وَلَقَدْ كَرَّمْنَا بَنِي آدَمَ.. ނަމަވެސް ރަހިމު ކުއްޔަށް ދިނުމުގެ ކޮންޓްރެކްޓްތަކުގައި، ފައިސާއަށް ކުއްޔަށްދޭ "ފެކްޓްރީއަކަށް" ނުވަތަ ޚިދުމަތަށް ބަދަލުކޮށްލައެވެ. ފަޤީރުކަމާއި ބޭނުންޖެހިފައިވުމުގެ ސަބަބުން އަންހެނުންނާށް އެމީހުންގެ ގުނަވަން ވިއްކާލަން ނުވާތީ ކުއްޔަށް ދޭން ޖެހެއެވެ. ދެއަންބަތް އިނުން މަނާކޮށް ފަގީރު ކަމުން ސަލާމަތް ކުރުމަށް ހުރަސް އަޅައެވެ. މިއީ އަންހެނުންގެ ކަރާމަތަށާއި މައިވަންތަކަމަށް އަރައިގަނެވޭ ހުތުރު ޢަމަލެކެވެ.
ޝަރުޢީ ކައިވެނީގެ ގުޅުން ނެތުން:
އިސްލާމްދީނުގައި ދަރިން ހޯދުމުގެ ހަމައެކަނި ސައްޙަ މަގަކީ ޝަރުޢީ ކައިވެންޏެވެ. އެއީ ދެމަފިރިންގެ މެދުގައިވާ ލޯތްބާއި، މަޑުމައިތިރިކަމާއި، ސުކޫނު ލިއްބައިދޭ ގުޅުމެކެވެ. ޤާނޫނީ އޮފީސްތަކުގައި މެދުވެރިންމާއި އިންޖިނޭރިއަރިންގް ކުންފުނިތަކާ އެކު ވިޔަފާރި އުސޫލުން ލިޔެ ސޮއިކޮށްގެން ހަދާ ކޮންޓްރެކްޓްތަކަކުން ދަރިން ހޯދުމަކީ އިސްލާމީ އަސާސްތަކާ މުޅިން ޚިލާފު ކަމެކެވެ.
ކުޑަކުދިން ވިޔަފާރި މުދަލެއް ނުވަތަ ނުފޫޒު ފޯރުވާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން:
ބައެއް މުއްސަނދިންގެ ސިކުނޑީގައި ހުންނަ ޚިޔާލުތަކާ ހެދި ސަތޭކައިން ކުދިން އުފައްދާ މަންޒަރު ފެނުމުން އެނގެނީ، މިފަދަ މާއްދީ ދުނިޔެއެއްގައި ކުޑަކުދިންނަކީ ކަރާމަތްތެރި އިންސާނުންގެ ގޮތުގައި ބެލެވޭ ބައެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އެއީ ބާރާއި ނުފޫޒާއި އަމިއްލަ އެދުން ފުއްދުމަށް ބޭނުންކުރެވޭ އާލަތެއް ނުވަތަ މުދަލެއްގެ ގޮތުގައި ވެގެން ގޮސްފައިވާކަމެވެ.
ޙަޤީޤީ އުފާވެރިކަމަކީ މުދާތައް އެއްކޮށް ގިނަކުރުމެއް ނޫނެވެ. އަދި އިންސާނީ ފޠުުރަތާ ޚިލާފު ނިޒާމުތަކުގެ ތެރެއިން އެތައް ސަތޭކަ ކުދިން އުފެއްދުމެއްވެސް ނޫނެވެ. އިސްލާމްދީނުގައި ކުދިންނަކީ އަމާނާތެކެވެ. އެ ކުދިންގެ ޙައްޤަކީ ލޯބިވާ ބައްޕައެއްގެ އަދި އޯގާތެރި މަންމައެއްގެ ބަނޑުގައި، އެމީހުންގެ ޙައްޤުތައް އެނގިގެން، އެއްވެސް އޮޅުވާލުމެއްނެތި ސާފު ނަސަބަކާ އެކު އުފަންވުމެވެ.





