މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޤުޞަދުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ބޮޑުވަޒީރަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދޭދޭ ގުޅުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

އެއާޕޯޓުގައި ބޭއްވި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއްގައި، ސަގާފީ ހެދުމުގައި ތިބި ދިވެހި ސުކޫލު ކުދިންގެ ޚާއްސަ ހުށަހެޅުމެއް ވަނީ ބާއްވާފައެވެ. މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ދެ ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމެވެ.

މި ދަތުރުފުޅުގެ ތެރެއިން، މާދަމާ ރައީސް ޑރ. މުޙައްމަދު މުއިއްޒާ އެކު ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދެ ޤައުމުގެ ލީޑަރުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށްޓަކައި މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ފުޅާކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވިޔަފާރިއާއި ޑިޖިޓަލް ގުޅުންތައް ބަދަހިކުރުމަށް އަމާޒުކޮށްފައިވާ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!