ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 2026 މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންގެރެސް ކުރިޔަށްދަނީ ސޯޝަލް ސެންޓަރުގައެވެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކާއެކު، އެ ޕާޓީގެ އައު ގަވާއިދު މަތީ މަޖިލީހުން އިއްތިފާޤުން އެންޑޯސްކޮށްފިއެވެ. މިއަދު ހެނދުނުގެ ބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށާއި މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވީ، މި ބަދަލުތަކަކީ ޕާޓީގެ މެންބަރުންގެ ޢަދަދު އިތުރުވެފައިވާ މިންވަރަށް ބަލައި ގެންނަންޖެހޭ ބަދަލުތައް ކަމަށެވެ. އަދި އެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕާޓީގެ މަސްރަހު ފުޅާކުރުމާއެކު، ޤައުމަށް ލާބަހުރި ގޮތަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މި އިސްލާހުތަކުން މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
- މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހާއި، އަންހެނުންގެ ޙަރަކާތާއި، ޒުވާނުންގެ ޙަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ޙަރަކާތެއް ވަނީ އުފައްދާފައެވެ.
- މީގެއިތުރުން ޕާޓީގެ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި ޤައުމީ ސަލާމަތާއި، އިޤްތިޞާދީ މުހިންމު ދާއިރާތަކާއި، ސިއްޙަތާއި، އިޖުތިމާޢީ ކަންކަމުގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތައް ހިމެނޭ ގޮތަށް ޖުމްލަ 15 ކޮމިޓީއެއް ވަނީ އެކުލަވައިލާފައެވެ.
މި ސެޝަނުގައި 1,064 މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަސާސީ ގަވާއިދަށް ގެނެވުނު ހުރިހާ އިސްލާހެއް ހިމެނޭ ގޮތަށް މުޅި ގަވާއިދު އެންޑޯސްކޮށްފައިވަނީ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މަންދޫބުންގެ އިއްތިފާޤުންނެވެ.






