ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މި ހަމަލާތަކުގައި އާންމުންގެ 13 މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެއެވެ. މިހަމަލާތަކުގެ ސަބަބުން ސަޢޫދީގެ ހަކަތައިގެ މައިގަނޑު ނިޒާމުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ.
ހޫޘީން ދިން މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވަނީ ޚަމީސް މުޝައިތު، އަބްހާ އަދި ޠާއިފްގެ އާންމު ސަރަޙައްދުތަކަށެވެ. ޔަމަނުގެ ޝަރުއީ ވެރިކަން އިޔާދަކުރުމަށް އެހީތެރިވާ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ ވިދާޅުވީ، މި ހަމަލާތަކުގައި 13 މީހަކަށް ޒަޚަމްތައް ލިބި، 7 ގެއަކާއި 2 އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ސަޢޫދީ ސިވިލް ޑިފެންސުން ވަނީ އަބްހާ، ޖިއްދާ، ޖިޒާން، ޠާއިފް، ޔަންބުޢު އަދި އަލްޢުލާ ފަދަ ސަރަޙައްދުތަކަށް ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ. މިދިޔަ ހަފުތާގައި ވެސް ހޫޘީން ދިން ހަމަލާތަކެއްގައި އަންހެނުންނާއި ކުޑަކުދިންނާއެކު 70 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަން ފާހަގަކުރެވެއެވެ.
މި ހަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ތެލުގެ އުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ރިޔާޟާއި މަދީނާ ސަރަޙައްދުގައި ހުންނަ އީސްޓް-ވެސްޓް ހޮޅިލައިނަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން އެ ހޮޅި ލައިނުން ތެޔޮ ބޭރުކުރުމުގެ މަސައްކަތްތައް ވަނީ މެދުކަނޑާލާފެވެ. ހުރުމްޒް ކަނޑުއޮޅި ބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި، 1,200 ކިލޯމީޓަރު ދިގު މި ހޮޅިލައިން ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމަށް ލަފާކުރެއެވެ.
މީގެއިތުރުން، ޔަމަނުގެ ރެޑްސީގެ އައްސޭރިފަށުގެ ޖަޒީރާއެއް ކަމަށްވާ ޕެރިމް ޖަޒީރާ ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން ސަޢޫދީގެ ތެލުގެ އެކްޕޯޓަށް ކުރިމަތިވެފައިވާ ޕްރެޝަރު އިތުރަށް ބޮޑުވެފައިވާކަމަށް ފާހަގަކުރެވެއެވެ.






