އެމެރިކާއިން ދެކުނު އެފްރިކާގެ ބައެއް އޮފިޝަލުންނަށް އެމެރިކާއަށް ދަތުރު ކުރުމަށް ވިސާ ނުދިނުމަށް ނިންމައިފިއެވެ. އެމެރިކާއިން ބުނަނީ މި ފިޔަވަޅުތައް އަޅާފައިވަނީ ދެކުނު އެފްރިުކާގައި ދޮންމީހުންނާއި އެހެނިހެން ބައިމަދު އާބާދީތަކާ މެދު ތަފާތުކުރުންތައް ހިންގުމަށް މަގުފަހިކޮށްދޭ ސިޔާސަތުތަކާ ގުޅިގެން ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހާމަކުރެއްވި ގޮތުގައި، ދެކުނު އެފްރިކާއިން ހުދު މީހުންގެ އަތުން ބިން އަތުލުމުގެ ސިޔާސަތުތަކާއި، ނަސްލީ ތަފާތުކުރުންތަކާއި، އަދި ބައިމަދު ގްރޫޕްތަކާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގައި ޒިންމާވާ ނުވަތަ ބައިވެރިވާކަމަށް ބެލެވޭ ފަރާތްތަކަށް ދީފައިވާ ވިސާ ކެންސަލްކޮށް، އަދި އައު ވިސާ ދޫކުރުމަށް އިންކާރުކުރާނެއެވެ.
މި މައްސަލައާ ގުޅިގެން ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު ރޮނާލްޑް ލަމޯލާ ވަނީ އެމެރިކާއަށް ރައްދުދެއްވާފައެވެ. ދެކުނު އެފްރިކާގެ ވަޒީރު ވިދާޅުވީ ވޮޝިންޓަނުން ފާޑުކިޔަމުންދާ ދާޚިލީ ސިޔާސަތުތަކަކީ ޤަރުނުތަކެއް ވަންދެން އިސްތިއުމާރީ އަޅުވެތިކަމާއި ނަސްލީ ތަފާތު ކުރުމުގެ ޒަމާނުގެ އަނިޔާވެރިކަމުން ކަޅު ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް އިޔާދަކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނުތަކެއް ކަމަށެވެ. އަދި ކޮންމެ ޤައުމަކަށްވެސް އަމިއްލަ ޙާލަތަށް ރިއާޔަތްކޮށް ޤާނޫނުތައް އެކުލަވާލުމުގެ އިސްތިޤުލާލީ ޙައްޤު ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަސްލީ ތަފާތުކުރުން ގެންގުޅޭ ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގައި ދެކުނު އެފްރިކާގެ ބައި މަދު ދޮން މީހުންނަށް ދެމުންދާ ތާއީދު ބޮޑު ކޮށްފައި ވެއެވެ. އަދި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފައި ވެއެވެ. މީގެ އިތުރުން އްޒާގައި ނަސްލު ނައްތާލުމުގައި އިސްރާއީލާ ދެކޮޅަށް އދ. ގެ ކޯޓަށް ދެކުނު އެފްރިކާއިން މައްސަލަ ހުށަހެޅުމުން ވެސް އެމެރިކާ ވަނީ މޭކަރފައެވެ. މީގެ އިތުރުން، އެމެރިކާގައި ބާއްވާ ބައްދަލުވުންތަކުން ދެކުނު އެފްރިކާގެ މަންދޫބުން ބާކީކުރުމާއި، އެޗް.އައި.ވީ ފަރުވާއަށް ދެމުންދާ މާލީ އެހީތެރިކަން ކަނޑާލުން ފަދަ ފިޔަވަޅުތައް ވެސް އެމެރިކާއިން ވަނީ އަޅާފައެވެ.






