މި ސަރުކާރު ހަވާލުވިފަހުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައި، މަސްތުވާތަކެތީގެ 23 މައްސަލައެއް މަނީ ލޯންޑަރިންގެ ކުށްތަކުގެ ގޮތުގައި ތަހުގީގުކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން ފުލުހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުވައިލައްވައި ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ މުއާމަލާތްކުރާ ކަމަށް ތުހުމަތުކުރެވޭ ތަންތަނަށް ފުލުހުން 180 ފަހަރަށް ވަދެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ސަޕްލައިކުރެވޭ މިންވަރު މަދުކުރުމަށްޓަކައި އެކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް 508 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ހިންގުނު އޮޕަރޭޝަންތަކުގައި 1.33 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
މަސްތުވާތަކެތި އެތེރެކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ފުލުހުންގެ މުވައްސަސާގެ ތެރޭގައި މިކަމަށް ޚާއްސަ ޔުނިޓެއް ގާއިމުކޮށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކާގޯއާއި ޕޯސްޓު މެދުވެރިކޮށް އެތެރެކުރާ މުދަލާއި ޕެކޭޖުތައް ކުރިއަށް ވުރެ ބޮޑަށް ސްކޭންކޮށް، ކޮންޓްރޯލްޑް ޑެލިވަރީގެ ޒަރިއްޔާއިން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަސްލު ހޯދައި ތަހުގީގުކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިމަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އިންތިހާބެއް ގާތްވާ ކޮންމެ ފަހަރަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ޖަލުން މިނިވަންވާގޮތަށް އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވަމުން ކަމަށް ވެސް ވިދާޅުވިއެވެ.





