ސައުދީގެ ކަނޑުގެ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވެއްޖެ

ބާބުލްމަންދަބާއި ރެޑްސީގެ އިތުރުން އަދަން ކަނޑު އޮޅީގައި ދަތުރުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް، ސައުދީ އަރަބިއްޔާއާއި އިތުރު 13 ގައުމެއް ގުޅިގެން އުފެއްދި ކަނޑުގެ ސިފައިންގެ އިއްތިހާދުގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެ އެވެ. މި އިއްތިހާދުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމުގެގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ކޯލިޝަންގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އެވެ.

މި ކޯލިޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ފާއިތުވި މަހުގެ ތެރޭގަ އެވެ. މި ރަސްމިއްޔާތުގައި ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދާއި، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްތާނީ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން، ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އިތުރު 13 ޤައުމަކާ ގުޅިގެން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގެ ނަމުގައި އުފެއްދި މި އިއްތިހާދުގެ މައިގަނޑު މަގުސަދަކީ ބާބުލްމަންދަބު ކަނޑުއޮޅި އާއި، ރެޑްސީ، އަދި ގަލްފް އޮފް އަދަން ކަނޑުއޮޅީގައި ކަނޑު ދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަޤުވާމީ ވިޔަފާރީގެ މަގުތަކާއި، ހަކަތަ ފޯރުކޮށްދޭ މުހިންމު ސްޓްރެޓެޖީ މަގުތައް ރައްކާތެރިކުރުމެވެ. މި ސަރަޙައްދުގެ މަސްރަހު މިހާރު އޮތްގޮތުން، މިފަދަ އިއްތިހާދެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުވެފައިވާކަން މާހިރުން ފާހަގަކުރައްވަ އެވެ.

މި އިއްތިހާދު އުފައްދާފައިވަނީ، އީރާނުން ވާގިވެރިވާ ޔަމަނުގެ ހޫތީންގެ ޖަމާޢަތުން މިދިޔަ ޖުލައި މަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުމަގުން ބްލޮކޭޑެއް އިއުލާނުކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން ސައުދީއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ފެށުމާއެކު، ރެޑްސީގެ ސަރަހައްދުގައި ވިޔަފާރި އުޅަނދުފަހަރަށް ހުރި ނުރައްކާތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. މި ޙާލަތާ ގުޅިގެން ސައުދީ ސިފައިން ވެސް ދަނީ ހޫތީންގެ އަމާޒުތަކަށް ރައްދު ހަމަލާތައް ދެމުންނެވެ.

ހިއްސާ ކުރައްވާ!