ސައުދީ އަރަބިއާގެ މައްކާއަށް އަމާޒުކޮށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ދޭން އުޅުނު ނުރައްކާތެރި ޑްރޯން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާއާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިސްލާމްދީނުގެ އެންމެ މުގައްދަސް ސިޓީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ފަދަ ނުވަތަ ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ބޮޑު ހިތާމައެއް ކަމަށާއި، އެފަދަ ކަންކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
ޔަމަންގެ ހޫތީން ފޮނުވާލި ޑްރޯން މައްކާ ސަރަޙައްދަށް ވަނުމުގެ ކުރިން ސައުދީ އަރަބިއާގެ ރޯޔަލް އެއާ ޑިފެންސް ސިފައިން ވަނީ އެ އުޅަނދު ވައްޓާލާފައެވެ. ސައުދީ ސިފައިންގެ ފަރާތުން އަޅާފައިވާ މި އަވަސް ފިޔަވަޅަށާއި، އެ ޤައުމުގެ ރައްޔިތުންނާއި އުމްރާވެރިން ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއާއާއެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ކޯލިޝަނުން ހާމަކޮށްފައިވާގޮތުގައި، ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފިނަމަ އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ސަރަޙައްދީ އިންތައް ފަހަނަޅައި ދިއުން ކަމަށެވެ. އެހެންނަމަވެސް، ހޫތީން ވަނީ މައްކާއަށް ހަމަލާދޭން އުޅުނުކަމަށް އިންކާރުކޮށްފައެވެ. އެ ފަރާތްތަކުން ބުނާގޮތުގައި އެމީހުން އަމާޒުކުރަނީ ހަމައެކަނި ސައުދީގެ ތެލުގެ މައިގަނޑު ވަސީލަތްތަކަށެވެ.





